އީރާނުގެ ރައްޔިތުން އެގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށްޓަކައި ކުރަމުންދަނީ ”ކެރިގެން އަދި ހިތްވަރުގަދަކަމާއެކު“ ކުރާ ހަނގުރާމައެއް ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.
ޕުޓިން މިމޭރުމުން ވާހަކަފުޅު ދެއްކެވީ 27 އޭޕްރީލް 2026 ވީ ހޯމަ ދުވަހު، ސެއިންޓް ޕީޓަރސްބާގްގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ އެކު ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމަކީ މެދުއިރުމަތީގައި އަސްކަރީ އަދި ޑިޕްލޮމެޓިކް ގޮތުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާ، ސަރަހައްދީ ހަމަޖެހުމަށް ނުހަނު ނާޒުކު ވަގުތެއްގައި ބޭއްވުނު ބައްދަލުވުމެކެވެ. އީރާނުގެ ރައްޔިތުންގެ ސާބިތުކަމަށް ޕުޓިން ތައުރީފު ކުރެއްވީ، ތެހެރާނާއި ވޮޝިންޓަނާ ދެމެދު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި، އީރާނާއެކު ރަޝިޔާ އޮތްކަން ހާމަކުރުމުގެ ގޮތުންނެވެ.
މި ބައްދަލުވުމުގައި ޕުޓިން ވަނީ މިދިޔަ އަހަރު ރަސްމީކޮށް ސޮއިކުރި އީރާނާއި ރަޝިޔާގެ 20 އަހަރުގެ ސްޓްރެޓީޖިކް ޕާޓްނަރޝިޕަށް ރަޝިޔާއިން ދޭ ސަމާލުކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ. އަދި އީރާނުގެ އާ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީގެ ފަރާތްޕުޅުން މެސެޖެއް ލިބިވަޑައިގެންފައިވާ ކަމަށް ޕުޓިން ފާހަގަކުރެއްވިއެވެ. މިއީ އާ ލީޑަރޝިޕްގެ ދަށުންވެސް ދެ ގައުމުގެ ގާތް ގުޅުން ދެމިއޮންނާނެ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ޕުޓިންގެ ވާހަކަފުޅުގައި ”އިމްތިހާނުގެ އުނދަގޫ ދުވަސްވަރު“ ގެ ގޮތުގައި އިޝާރާތް ކުރައްވާފައިވަނީ 2026 ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އަމާޒުތަކަށް ދިން ހަމަލާތަކަށާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ފިއްތުންތަކަށެވެ.
ސެއިންޓް ޕީޓަރސްބާގްގެ ބައްދަލުވުން ބޭއްވިފައިވަނީ ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދިޔަ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ. ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާއި ނިއުކްލިއަރ މައްސަލައިގައި ދެބަސްވުންތައް އުފެދިފައިވާއިރު، ރަޝިޔާއިން ވަނީ އީރާނުގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ރަޝިޔާގައި ރައްކާކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް އެމެރިކާއިން ވަނީ އެ ހުށަހެޅުން ގަބޫލުކުރަން އިންކާރުކޮށްފައެވެ.
”އަހަރެމެންގެ ފަރާތުން، ތިޔަބޭފުޅުންގެ މަސްލަހަތަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. ވީހާވެސް އަވަހަކަށް މި ސުލްހަ ގާއިމުކުރުމަށްޓަކައި.“ ބައްދަލުވުމުގައި ޕުޓިން ވިދާޅުވެފަވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އަރާގްޗީ ވަނީ އުނދަގޫ ވަގުތުތަކުގައި ތެހެރާނާއެކު ސާބިތުވެ އޮތީތީ މޮސްކޯއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރަޝިޔާގެ އެހީތެރިކަމާއި އެމެރިކާގެ ”އުދުވާނީ އަމަލުތަކާ“ ދެމެދު ހުރި ބޮޑު ތަފާތު އޭނާ ވަނީ ފާހަގަކުރައްވާފައެވެ.



