- Advertisement -spot_img

އިސްރާއީލު ސިފައިންގެ ޖިންސީ ގޯނާތަކާހެދި، ފަލަސްތީނުގެ އަންހެނުން ނަސްފާނީ ބިރުވެރިކަމެއްގައި!

ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުގެ ސިފައިންނާއި ވަޒަންވެރިން ހިންގަމުންދާ ޖިންސީ އަނިޔާގެ އަމަލުތަކަކީ، އެމީހުންގެ ގެދޮރުން ނެރެލުމަށާއި ނަފްސާނީ ގޮތުން ބަލިކޮށްލުމަށް ބޭނުންކުރާ ނިޒާމީ ހަތިޔާރެއްގެ ގޮތުގައި ބައިނަލްއަގުވާމީ ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

ހުޅަނގު އައްސޭރީގެ އުރުދުން ވާދީގައި ދިރިއުޅޭ 29 އަހަރުގެ ގުސައި އަބޫ އަލް-ކަބާޝްއަށް އިސްރާއީލުގެ ވަޒަންވެރިން ދިން ހަމަލާއަކީ މީގެ އެއް މިސާލެވެ. 70 އަށްވުރެ ގިނަ ވަޒަންވެރިން ގުޅިގެން ދިން މި ހަމަލާގައި، ގުސައިގެ އަންނައުނު ގަދަކަމުން ބާލުވައި، އޭނާގެ ޖިންސީ ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ. މިކަމުގެ ސަބަބުން އޭނާއަށް ވަނީ ނަފްސާނީ ގޮތުން ބޮޑު ގެއްލުމެއް ލިބިފައެވެ.

އިސްރާއީލުގެ އަންހެން ސިފައިން، ފަލަސްތީނުގެ އުމުރުން ދުވަސްވީ އަންހެނުންނާއި އަންހެން ކުދިން ބަލައި ފާސްކުރުމުގެ ނަމުގައި، ހުރިހާ އަންނައުނެއް ބާލުވައި ބަރަހަނާކުރާ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޖެނީން ރެފިއުޖީ ކޭމްޕަށް ވަންނަން އުޅުނު އުމުރުން 60 އަހަރުގެ އަބީރު އަލް-ސައްބާޣްގެ ތަޖުރިބާއިން ހާމަވާ ގޮތުގައި، މިއީ ފަލަސްތީނުގެ ރައްޔިތުން އިހާނެތިކޮށްލުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.

ޔޫރަޕްގެ ގައުމުތަކުން ފަންޑުކުރާ ”ވެސްޓް ބޭންކް ޕްރޮޓެކްޝަން ކޮންސޯޓިއަމް“ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން 70 އިންސައްތައަށްވުރެ ގިނަ އާއިލާތަކުން އެމީހުންގެ ގެދޮރު ދޫކޮށް ދަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ އަނިޔާގެ ބިރަށްޓަކައެވެ. މިއީ ވަކިވަކި ސިފައިން ކުރާ ކަމަކަށްވުރެ ބޮޑަށް، ފަލަސްތީނު މީހުން ބިންތަކުން ބޭރުކުރުމަށް އިސްރާއީލުން ބޭނުންކުރާ އުސޫލީ އުކުޅެކެވެ.

އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ފަލަސްތީނުގެ ފިރިހެނުންނަށް ވެސް ޖިންސީ އަނިޔާއާއި ރޭޕްގެ ހާދިސާތައް ކުރިމަތިވަމުންދާކަން ވަނީ ފަޅާއަރާފައެވެ.

ތުލްކަރަމްގެ ނޫސްވެރިއެއް ކަމަށްވާ ސަމީ ކިޔައިދިން ގޮތުގައި، އޭނާ ޖަލުގައި ބަންދުކޮށްފައި ހުރިއިރު، ދަގަނޑު އެއްޗެއް ބޭނުންކޮށްގެން އޭނާ ވަނީ ރޭޕްކޮށްފައެވެ. ގާޒާގެ ބަންދު މީހުން ބައިތިއްބާ މި ޖަލުގައި ސިފައިން ހިންގި ޖިންސީ އަނިޔާގެ ވީޑިއޯ ފޫޓޭޖް އާންމުވެފައިވީ ނަމަވެސް، އިސްރާއީލުގެ ކޯޓުތަކުން ވަނީ އެ ސިފައިންގެ މައްޗަށް ކުރި ދައުވާތައް ބާތިލުކޮށްފައެވެ. އިސްރާއީލުން ބުނަމުންދަނީ މިއީ ވަކިވަކި ސިފައިން ހިންގާ އަމަލުތަކެއް ކަމަށެވެ. ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި މިއީ މުޅި އިސްރާއީލުގެ އަސްކަރިއްޔާއާއި ސަރުކާރުގެ ނުސީދާ ހުއްދައާއެކު ހިންގާ ބޮޑު ޖަރީމާއެކެވެ.

ގުޅުންހުރި ލިޔުންތައް