އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުރަސްއަޅަމުންދާ ކަމަށް އެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހއ. އިވަންދޫގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ނަޝީދު ވިދާޅުވީ ރޭ 12:00ގެ ފަހުން ޕާޓީއަށް ވަންނަ މީހުންނަށް އިންތިޚާބުގައި ވޯޓު ނުލެވޭގޮތް ސޯލިހަށް ތާއީދުކުރާ ބޭފުޅުން ތިއްބަވާ އިންތިހާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ޕާޓީއަށް އިތުރު މީހުން ވަނުމަށް ހުރަސް އެޅުމުގެ ނިޔަތުގައި ވަގުތުކުރުކޮށްލާފައި ވީ ނަމަވެސް، އާއްމުން ‘އެއަށް ވުރެ ހުޝިޔާރު’ ކަމަށެވެ.
“ތިޔަބޭފުޅުން އެއަށް ވުރެ މާ ހުޝިޔާރު. އެހެން މީހަކު ޖަހާ ދަންތުރެއްގައި ނުބެދޭނެ،” ނަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިއްޔެ ވެސް ވަރަށް ގިނަ ބަޔަކު ޕާޓީއާ ގުޅިފައިވާ ކަމަށާއި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން އޭނާއަށް ވޯޓުދިނުމަށް އަލަށް ޕާޓީއާ ގުޅިފައިވާ ކަމަށެވެ.
ޗެއާޕާސަން ކަމަށް ނަޝީދާ ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. އޭނާ އަކީ ސޯލިހުގެ ފެކްޝަނުން ނެރެފައިވާ ކެންޑިޑޭޓެވެ.



