ޕީއެންސީގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް އައްޔަންކޮށްފިއެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އައްޔަން ކުރުމާ ގުޅިގެން އޭނާއަށް އިހްލާސްތެރި ތަހުނިޔާ އާއި މަރުހަބާ ދަންނަވާ ކަމަށެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވި މުއާޒު ހަލީމެވެ. މިދިޔަ ހޮނިހިރު ދުވަހު މުއާޒް އެ މަގާމުން އިސްތިއުފާ ދެއްވީ ޕީއެންސީގެ ހިންގުން އިތުރަށް ރަނގަޅު ކުރުމަށް ކަމަށް ވިދާޅުވެއެވެ.
މުއާޒް ވިދާޅުވީ ޕާޓީގެ އިދާރީ ހިންގުމުގެ އިސް ޒިންމާތަކުން ދުރަށް ވަޑައިގެންނެވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ނެރޭ ޕާޓީއަކަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ބޭނުންވާތީ ކަމަށެވެ.



