މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ މާލޭގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ނުދިނުމުން މައްސަލަ ގޯސްވެ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެއްޖެއެވެ.
މިކަމާ ގުޅިގެން ނަޝީދުގެ ނުރަސްމީ އެކައުންޓު، ”މުހައްމަދު ނަޝީދު އަންއޮފިޝަލް“ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ”މި އުފާވެރި ރޭ، ވަރަށް ހިތްދަތިވެއްޖެ“ ކަމަށެވެ.
ރޭގެ ޖަލްސާގެ އެޖެންޑާ އެންމެ ފުރަތަމަ ހެދިއިރު އޮތީ ރައީސް ނަޝީދާ ވާހަކަދައްކަވާ ގޮތަށެވެ. ނަމަވެސް ކުއްލި ގޮތަކަށް އެޖެންޑާ ބަދަލުކުރިއިރު ރައީސް ނަޝީދުގެ ވާހަކަފުޅުދެއްކެވުން އޮތީ އެޖެންޑާއިން ވަކިކޮށްފައިކަން ވަނީ އެނގިފައެވެ. އެއާއެކު، ނަޝީދަށް ވެސް ނާންގަވައި އެ ބަދަލު ގެނައުމުން ޕާޓީގެ އެތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ވެސް ވާހަކަދައްކަން ފުރުސަތު ނުދޭން ނިންމިއެވެ. އެއާއެކު އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ރޭގެ ޖަލްސާއަށް ނުދާނެ ކަމަށްވެސް ބުނެ ޕޯސްޓުތައް ކޮށްފައެވެ.
އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭގެ ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ފުރުސަތު ނުދޭތީ ޖަލްސާއަށް ދެވެން ނެތް ކަމަށެވެ. ވަކިވެގަތުމަކީ ނިކަމެތި ކަމެއް ކަމަށާއި މިއީ އެންމެން އެކުގައި ކުރި މަސައްކަތެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.



