- Advertisement -spot_img

ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުން ފުރާ ތާރީޚުތައް ކަނޑައަޅައިފި

ރާއްޖެއިން މިއަހަރު މުޤައްދަސް ބިމަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާ މީހުން ދަތުރުކުރާނެ ތާރީޚުތަކާއި ފްލައިޓްތަކުގެ ތަފްސީލުތައް ކަމާބެހޭ ފަރާތްތަކުން އިޢުލާންކޮށްފިއެވެ.

މި އަހަރު ޙައްޖާޖީން އުފުލުމަށްޓަކައި ޖުމްލަ 4 ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، ޙައްޖާޖީންގެ 50 އިންސައްތަ މީހުން ދަތުރުކުރާނީ ސައުދީ އަރަބިއްޔާގެ ސައުދިއާ އެއާލައިންގައެވެ. އަދި ބާކީ 50 އިންސައްތަ މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގައެވެ.

ރާއްޖެއިން ޙައްޖާޖީން ފުރަން ފަށާނީ އަންނަ މޭ މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ފްލައިޓް 15 މޭގައި 242 މީހުންނާއެކު ފުރާއިރު، ދެވަނަ ފްލައިޓް 17 މޭގައި 250 މީހުންނާއެކު ފުރުމަށް ވަނީ ހަމަޖެހިފައެވެ. ތިންވަނަ ފްލައިޓް 18 މޭގައި 243 މީހުންނާއެކު ފުރާއިރު، އެންމެ ފަހު ފްލައިޓް ފުރާނީ 19 މޭގައި 250 މީހުންނާއެކުގައެވެ.

މީގެ ތެރެއިން މެއި މަހުގެ 15 އަދި 18 ވަނަ ދުވަހު ފުރާ ޙައްޖާޖީން ދަތުރުކުރާނީ ސައުދިއާ އެއާލައިންގެ ފްލައިޓުތަކުގައެވެ. އަދި މޭ 17 އަދި 19 ވަނަ ދުވަހު ފުރާ މީހުން ދަތުރުކުރާނީ މޯލްޑިވިއަންގެ ފްލައިޓުތަކުގައެވެ.

ޙައްޖުގެ އަޅުކަމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ކުރީކޮޅުގައެވެ. އެގޮތުން ފުރަތަމަ ފްލައިޓް 5 ޖޫންގައި (242 މީހުން) އަދި ދެވަނަ ފްލައިޓް 7 ޖޫންގައި (250 މީހުން) ރާއްޖެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ. ތިންވަނަ ފްލައިޓް 8 ޖޫންގައި (243 މީހުން) އަންނައިރު، ފަހު ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 9 ޖޫންގައެވެ (250 މީހުން).

އެނބުރި އައުމުގެ ދަތުރުތަކުގައިވެސް 5 އަދި 8 ޖޫންގައި ޙައްޖާޖީން އުފުލާނީ ސައުދިއާ އެއާލައިންނެވެ. އަދި 7 އަދި 9 ޖޫންގައި ޙައްޖާޖީން ރާއްޖެ އަންނާނީ މޯލްޑިވިއަންގެ ފްލައިޓުތަކުގައެވެ.

ގުޅުންހުރި ލިޔުންތައް