ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިލްސިލާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމްގައި ”ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން“ މި މައުލޫގެ މައްޗަށް ވާހަކަ ދެއްކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ވަޒީރުގެ ވާހަކަފުޅުގައި މި މަޢުލޫއަށް ތަޤުރީރު ކުރައްވާ ވަޒީރު ވަނީ ގިނަ މަޢުލޫމާތުތަކެއް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލު ނަންގަވާ އާއްމުންނާއި ހަމައަށް ވަނީ ގެންސްދެއްވާފައެވެ.
އެގޮތުން ވަޒީރުގެ ވާހަކަފުޅުގައި މުދަލަކީ މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެއްކަމަށާއި މުދަލުން ހެޔޮ ގޮތުގައި ހޭދަކުރެއްވުމަށް އެންމެހާ ފަރާތްތަކަށް ގޮވާލެއްވިއެވެ.
ވަޒީރުގެ ތަޤުރީރުގައި ވަނީ މުދަލުގެ އަމާނާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމާށާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިލައްވާފައެވެ. އަދި އެކިގޮތްގޮތުން އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި އެހެން އިންސާނުންނަށް އުފާވެރިކަން ގެނެސްދިނުމަށް އިސްލާމްދީނުގައި ބާރު އަޅުވާފައިވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ބޭރު ޤައުމުތަކުން ރާއްޖެ އައިސްތިބި ބިދޭސީންނަށް އިޙްސާންތެރިވުމަށާއި ހެޔޮ ފޯރުވުމަށް އަލި އަޅުއްވާލާ ވާހަކަފުޅު ދައްކަވާފައެވެ. ވަޒީރު ވިދާޅުވީ މިކަންކަމަކީ މާތް ﷲ ވަރަށް ލޯބިވެވޮޑިގަންނަވާ މާތް ސިފައެއްކަމަށެވެ.
”މުދަލުގައި ވާ އެންމެ ބޮޑު ޙައްޤަކީ ﷲގެ ޙައްޤު. މުދަލުގެ މައްޗަށް ﷲ އިސްލާމްދީނުގެ ރުކުނެއް ކަނޑައަޅުއްވާފައިވޭ. އެއީ ޒަކާތް ދިނުން.“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރިޝްވަތަކީ ޙަރާން ކުރައްވާފައިވާކަމެއްކަމަށާއި ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާގެ މެދުވެރިއަކަށް ވާ މީހާއަކީވެސް މާތް ﷲ ލަޢުނަތްލައްވާފައިވާ މީހެއްކަން ފާހަގަކުރެއްވިއެވެ. އަދި ޙަރާން މުދާ ކެއުމުގެ ސަބަބުން މާތް ﷲ އެމީހަކު ކުރާ ދުޢާ އިޖާބަ ނުކުރައްވާނެކަންވެސް ވަޒީރުގެ ތަޤުރީރުގައި އެންމެހާ ފަރާތްތަކަށް ހަނދާންކޮށްދެއްވިއެވެ.
ވަޒީރުގެ ތަޤުރީރުގައި ވަނީ ފިޠުރު ޒަކާތާއި މުދަލު ޒަކާތާއި ގުޅޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ފިޠުރު ޒަކާތާއި މުދަލު ޒަކާތް ދެއްކުމުގެ މުހިއްމުކަމާއި ޒަކާތާއި ގުޅޭ މުހިއްމު ޙުކުމްތަކާއި ގުޅޭ މަޢުލޫމާތާއި އެކަމުގެ ޢަޖުރާއި ގުޅޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުންގެ 6 އިޙްޔާ ފޯރަމްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



