- Advertisement -spot_img

ބީއެމްއެލް އެފޯޑަބަލް ހައުސިންގް މަޝްރޫއުގެ ދަށުން އިމާރާތް ކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް ގެ ބީއެމްއެލް އެފޯޑަބަލް ހައުސިންގް މަޝްރޫއުގެ ދަށުން އިމާރާތް ކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

މި ހައުސިންގް ޔުނިޓުތަކުގެ ބިންގާ އެޅުމަށް ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިމަޝްރޫއުއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގް، އައިއެންއޭއެޗުގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށް ބީއެމްއެލްއިން އުފެއްދާފައިވާ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގް ކޮމްޕެނީއިން ހިންގާ މަޝްރޫއުއެކެވެ. ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގް ކުންފުނިން ޖުމްލަ 3260 ހައުސިންގް ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޔުނިޓުތަކަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށާއި، މި މަޝްރޫއުގެ ދަށުން އިމާރާތްކުރަން ހަމަޖެހިފައިވަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާޓްމަންޓުތައް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އަދި މިރޭ ބިންގާ އެޅި، ޗައިނާ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓާ ޑރ. އަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއަޕާސަން އަހްމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ޗައިނާ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ޗެއާމަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއުތައް ނިމުމުން ހުޅުމާލެ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިންގް ޔުނިޓް ކުލި ދައްކައި ހަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރަން ނިންމާފައިވާ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް