ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަސް ލައްކަ ރުފިޔާ ފަލަސްތީނުގެ ރައްޔިތުންނަށް އަދި 423،749 ރުފިޔާ ޖެންޑާ މިނިސްޓްރީގެ އިޖުތިމާއީ ޓްރަންސްޓް ފަންޑަށް ހަދިޔާ ކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސް ލައްކަ ރުފިޔާ ހަދިޔާކުރަން ހަވާލުކުރީ އިސްރާ އެސޯސިއޭޝަނާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީގެ އިޖުތިމާއީ ޓްރަންސްޓް ފަންޑަށް ހަދިޔާކުރާ ފައިސާ ހަވާލުކުރީ އެ މިނިސްޓްރީއާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި އިއްޔެ މެންދުރާ ހަމައަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. މިއީ މިހާތަނަށް އެންމެ ގިނައިން ފިތުރު ޒަކާތް ލިބުނު އަހަރެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން 13.89 މިލިއަން ރުފިޔާ ފަގީރުންނާއި މިސްކީނުންނަށް ބަހަން ނިންމާފައިވެއެވެ. އެއީ ޒަކާތަށް ޝަރުތު ހަމަވާ ކޮންމެ މީހެއްގެ ބޮލަކަށް 6،000 ރުފިޔާ އެވެ.



