ފިޠުރު ޒަކާތް ނުދައްކާ ނަމަ ރަމަޟާން މަހުގެ އަޖުރާއި ސަވާބު މަޑުޖެހޭ ކަމަށް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ފައުންޑޭޝަނުން ރޯދަ މަހުގެ ރޭތައް އިހްޔާ ކުރަން ބާއްވަމުން އަންނަ ދަރުސް ސިލްސިލާގެ ތެރެއިން ރޭ ބޭއްވި ފަހު އިހްޔާ ޖަލްސާގައި މައުމޫން ވިދާޅުވީ ރަމަޟާން މަހަކީ ވަރަށް މާތް މައްސަރެއް ކަމަށާއި ގިނަ އަގުހުރި ފުރުޞަތުތަކެއް ލިބިގެންދާ މައްސަރެއް ކަމަށެވެ. އެގޮތުން އެ މަހުގެ ތެރޭގައި އީމާންކަން އިތުރުވެގެން ދިއުމާއި، ކުރާ އަޅުކަންތައް އިތުރުވެގެން ދިއުމާއި، މާތް ﷲ ދެއްވާ އިތުރު ނިޢުމަތްތައް ފެނިގެންދިއުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އަދި ރޯދައި މަތިވެރި އަޅުކަމަށް ފަހު ދެން ކުރިއަށް އޮތީ ފިޠުރު ޢީދު ކަމަށްވާތީ ފިޠުރު ޢީދުގެ ކުރިން ކުރަން ޖެހޭ ވަރަށް މުހިއްމު އެއް ކަމެއް އެބައޮތްކަން މައުމޫން ހަނދާންކޮށް ދެއްވި އެވެ. އެގޮތުން ފިޠުރު ޒަކާތް ދެއްކުމަކީ، ކިތަންމެ ކުޑަޔަސް ކިތަންމެ ބޮޑަސް، އަންހެނަކަސް ފިރިހެނަކަސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެ ވާޖިބުން އިސްތިސްނާ އެއްވެސް އިންސާނަކު، އެއްވެސް މުސްލިމަކު ނުހުންނާނެ ކަމަށެވެ.
އެހެންވެ ދުނިޔޭގައި އެންމެ ދުވަހަކު ހުންނަ ކުއްޖާއަށް ވެސް ފިޠުރު ޒަކާތް ވާޖިބުވާ ކަމަށް ވިދާޅުވިއެވެ. އެކަމުގެ ޝަރުޠަކީ ރަމަޟާން މަހުން ބައެއްގައި ދުނިޔޭގައި ހުރެ ހަމަ އެހެންމެ ޝައްވާލު މަހުން ބައެއްގައި ދުނިޔޭގައި ހުރުން ކަމަށެވެ. އެހެންކަމުން ފިޠުރު ޒަކާތަކީ، އެންމެންގެ މައްޗަށް ވާޖިބު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންވެ ފިޠުރު ޒަކާތް ދެއްކުމަށް އަވަސްވެ ގަތުމަކީވެސް ވަރަށް މުހިއްމު ކަމެއް މަށް ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، ޢީދު ނަމާދުގެ ކުރިން ޒަކާތް ދައްކަން ޖެހޭނެ ކަމަށާއި ޢީދު ނަމާދުގެ ކުރިން ދައްކައިފި ނަމަ އެވާނީ ޒަކާތަކަށް ކަމަށާއި، އޭގެ ފަހުން ނަމާދަށް ގޮސް އައިސް ދައްކާފިއްޔާ އެ ވާނީ ސަދަޤާތަކަށް ކަމަށެވެ. ޢީދު ނަމާދަށް ދިއުމުގެ ކުރިން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާ، އެމީހެއްގެ މައްޗަށް ޚަރަދު ބަރަދު ލާޒިމުވާ މީހުންގެ މައްޗަށް އެ ފިޠުރު ޒަކާތް ދެއްކުން ލާޒިމްކަން މައުމޫން ފާހަގަކުރެއްވި އެވެ.
”އަޅުގަނޑުމެން އެބަޖެހޭ މި ރަމަޟާން މަސް ދިއުމާ އެކީގައި އަދި ޢީދުނަމާދުގެ ކުރިން މި ޒަކާތް ދައްކަން.“ މައުމޫން ވިދާޅުވިއެވެ.



