ރާއްޖެއަށް ދަތުރުކުރި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ފާއިތުވި ދެ ހަފުތާގެ ތެރޭގައި ދެގުނައަށްވުރެ ބޮޑަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
މި ކުރިއެރުމަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު އިތުރުވުމެކެވެ.
އެމްއޭސީއެލްއިން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޖުމްލަ 128 ޕްރައިވެޓް ޖެޓު ވަނީ ދަތުރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 70 ޖެޓާ އަޅާބަލާއިރު 166 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު އައިސްފައިވަނީ 5 ޖެޓެވެ. އަދި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިންވެސް އައިސްފައިވަނީ 9 ޖެޓެވެ. ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި އެވްރެޖުކޮށް ދުވާލަކު 12 އަށްވުރެ ގިނަ ޖެޓު ރާއްޖެއަށް އަންނަކަމަށް ރިޕޯޓުތަކުން ދައްކައެވެ.
މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ޖެޓު ރާއްޖެއަށް އައިސްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 18 ޕްރައިވެޓް ޖެޓު ރާއްޖެއަށް ވަނީ އައިސްފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަތީ ފަންތީގެ މާކެޓުތަކުން އޮތް ޑިމާންޑު ބޮޑުވަމުންދާކަމުގެ ހެއްކެކެވެ.



