ޔޫއޭއީގައިވާ އެމެރިކާގެ އަމާޒުތަކަށް ހަމަލާދޭނެކަން އަންގައި އެ ގައުމުގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އީރާނުން އަންގައިފިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް އައިއާރްއައިޖީސީން ނެރުނު ބަޔާނެއްގައި ވަނީ ޔޫއޭއީގެ ބަނދަރުތަކަކީ ހަމަލާތައް ދެން އަމާޒުވާނެ ތަންތަން ކަމަށާއި އެހެންކަމުން އެ ގައުމުގެ ރައްޔިތުން އެތަންތަނާ ކައިރިނުވުމަށް އެދޭ ކަމަށެވެ.
ބަނދަރުތަކުގެ އިތުރުން އެމެރިކާގެ ސިފައިން ޔޫއޭއީގައި ތިބޭ ތަންތަނަށް އަމާޒުކޮށް ވެސް ހަމަލާތައް ދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެހެންކަމުން އެމެރިކާ ސިފައިން ތިބި ޓަވަރެއްގައި ދިރިއުޅޭ ފަރާތެއްވާނަމަ ވެސް އެތަނެއް ދޫކޮށް އަމިއްލައަށް ރައްކާތެރިކަން ހޯދުމަށް އީރާނުން ވަނީ އިލްތިމާސްކޮށްފައެވެ.
ޔޫއޭއީގައިވާ އެމެރިކާގެ އަމާޒުތަކަށް ހަމަލާދޭން އީރާނުން ނިންމީ އެ ގައުމުން ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒަށް އެމެރިކާ އާއި އިސްރާއީލުން ރޭ ހަމަލާދިނުމުން އެކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ.
އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ ވަރަށް ވޭންދެނިވިގޮތަކަށް އެމެރިކާގެ ކިބައިން އެކަމުގެ ބަދަލުހިފާނެ ކަމަށެވެ.



