spot_img

ވެޓަރަންސް ކަޕް: ޕޮލިސް ކަޓުވާލުމަށްފަހު ފައިނަލްގެ ފުރަތަމަ ޖާގަ ވިލިމާލެއަށް

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ހަވީރު، ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ޕޮލިސް ކްލަބް ބަލިކޮށް ވިލިމާލެ ޔުނައިޓެޑުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފު ދަނޑުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވިލިމާލޭ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ޖުނައިދުއެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ވިލިމާލެ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވިލިމާލެ އިން ވަރުގަދަކޮށް ފެށިއިރު, މެޗުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ސޮލާހް އެވެ. ނަމަވެސްޖެހިގެން އައި މިނެޓުގައި ޕޮލިސް ކުލަބުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޔަތުﷲ އިބްރާހިމްއެވެ. މިއީ، ޕޮލިހުގެ ކެޕްޓަން، އަލީ ރިސްވާން އަހުމަދު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ވިލިމާލެ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު، ހުޅުމާލެ ވެޓަރަންސް އިން ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއިދެކޮޅަށެވެ.

spot_img

ގުޅުންހުރި ލިޔުންތައް