މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރާއްޖެއަށް ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނައަށް އުފުލިފައިވާ ކަމަށެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ދަތިނުވާނެހެން ކާބޯތަކެއްޗާއި ތެލާއި ގޭސް ފޯރުކޮށްދިނުމަށް ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތެލުގެ އަގު އިތުރަށް ބޮޑުވިޔަ ނުދިނުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އެސްޓީއޯގެ ފައިދާ ކުޑަވި ނަމަވެސް އަގު ހިފެހެއްޓުމާއި، ބޭނުންވެއްޖެ ހިނދެއްގައި ސަބްސިޑީ ދީގެން ނަމަވެސް ރައްޔިތުންނަށް ދަތިނުވެ ތެޔޮ ލިބޭނެ މަގު ތަނަވަސްކުރުން ހިމެނެއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ތެލާއި ގޭސް ލިބުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތެވެ.
މިދިޔަ ޖަނަވަރީ މަހު އެސްޓީއޯއިން ގަތް އާ ތެޔޮ ބޯޓަކީ މިފަދަ ދަނޑިވަޅަކަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ތެޔޮ ބަރުކޮށްގެން އަންނަ ބޯޓެއް ކުރިއަށް އޮތް ހަތަރު ފަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ބަނދަރުކުރާނެ ކަމަށެވެ. އަދި އިތުރު ބޯޓެއްވެސް ވަރަށް އަވަހަށް ތެޔޮ ހިފައިގެން ރާއްޖެ އަންނަން ފުރާނެ ކަމަށާއި، މީގެ އިތުރުން ތެލާއި ކާބޯތަކެތި ހޯދުމަށް އާ މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



