އީރާނުގެ ރޫހާނީ ލީޑަރ މުޖްތަބާ ޚާމަނާއީގެ އިސް މުޝީރަކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައި، އިސްރާއީލް ނައްތާލާނެ ކަމުގެ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު ފެތުރިފައިވާ މި ދަނޑިވަޅުގައި، ބުދަ ދުވަހު އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި އޭނާ ވަނީ މިފަދައިން ވިދާޅުވެފައެވެ.
އީރާނުގެ އަސްކަރީ މުޝީރު ޔަހްޔާ ރަހީމް ސަފަވީ ވިދާޅުވި ގޮތުގައި، ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ފެނުނު އެންމެ ފަސާދަބޮޑު އަދި މޮޔަ ރައީސެވެ. “އޭނާއަކީ ސީދާ ޝައިތާނެއް،” ސަފަވީ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް މަސައްކަތް ކުރަމުންދާ އިސްރާއީލް ނައްތާލުމަށް އީރާނުން ޒަމާނުއްސުރެ ދެމުން އަންނަ އިންޒާރުތައް އޭނާ ވަނީ އަލުން ތަކުރާރު ކުރައްވާފައެވެ. ސަފަވީ ވިދާޅުވި ގޮތުގައި މެދުއިރުމަތީގެ ސަރަހައްދުގައި އީރާނާއި އިސްރާއީލަކަށް އެކުގައި ނުއޮވެވޭނެއެވެ.
”މި ދެ ގައުމުގެ ތެރެއިން ދެމިއޮންނާނީ އެންމެ ގައުމެއް. އެއީ އީރާން. އަދި ނެތިގޮސް ހަލާކުވާނީ ޔަގީނުންވެސް ޒަޔަނިސްޓު އިސްތިއުމާރީ ބާރު،“ އޭނާ ވިދާޅުވިއެވެ.



