ގދ. މަޑަވެލީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް 174 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި އިއްޔެ މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 19.17 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި 1،645 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
އެ މަޝްރޫއު ހަވާލުކުރީ 174.58 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެމްޓީސީސީން ބުނީ 2،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަޑަވެއްޔަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން އޮންނަ ރަށެއް ކަމަށާއި ބިން ހިއްކުމުގެ މަޝްރޫއުއާ އެކު އެ ރަށުގެ ބިން އިތުރުވެ، ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށެވެ.



