- Advertisement -spot_img

މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ”ދަ ގްރޭޓާ އައްޑޫ“ ސިޔާސަތު އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައިއިރުގައި، ނަތީޖާއިން މި ސަރުކާރުން ވާނީ މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ސަރުކާރުކަން ދައްކުވައިދީފައި ކަމަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް މިއަދާ ހަމައަށް އައިއިރުގައި ތަރައްގީ ކުރުމަށްޓަކައި ކުރެވުނު ކަމެއްވިއްޔާ ކުރައްވާފައިވާނީ މިސަރުކާރުން ކަމުގައިވެސް ވިދާޅުވިއެވެ.

އެގޮތުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހައްދަވައިދެއްވީވެސް މިސަރުކާރުން ކަމަށާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ، ފުލްޓައިމް އެގްޒެކެޓިވް މަގާމަކަށް ބަދަލުކުރީވެސް މިސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ކައުންސިލްގެ ބަޖެޓުން ލިބެމުން އައި ފަހެއް އިންސައްތައިގެ ބަދަލުގައި ދިހައެއް އިންސައްތައަށް ޑަބަލްކޮށްދިނީވެސް މިސަރުކާރުގައި ކަމަށެވެ. މީގެއިތުރުން ރޯދަ އިނާޔަތް ދެވޭނީ މި ބޮޑުކުރެވުނު ދިހައެއް އިންސައްތައިގެ ތެރެއިން ނޫން ކަމަށާއި، ކައުންސިލްގެ ބަޖެޓުން ކަމުގައި ކަނޑައެޅީވެސް މިސަރުކާރުގައި ކަމަށެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ކޮމިޓީއަކަށް ހަދައިދިނީވެސް މިސަރުކާރުން ކަމަށެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އެކިއެކި ލޯނުތައް ދޫކުރުމުގެ މަސައްކަތާއި އެކި ގޮތްގޮތުން އިގުތިސޯދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރުމާއި އަދި މިއަހަރުގެ ތެރޭގައި އެގޮތުން ކުރިއަށް ގެންދަންހުރި ގިނަ ކަންތައްތަކެއް ތަރުތީބުކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އަދި ވިމެން އެންޕަވަމަންޓް މެއިންސްޓްރީމް ކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށާއި ސަރުކާރުން މި ސިޔާސަތު ތަންފީޒު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް