- Advertisement -spot_img

އިރާނުގެ އައު ސުޕްރީމް ލީޑަރު ކަނޑައެޅުމުގެ މަޖިލީސް މިއަދު

އިރާނުގެ އައު ސުޕްރީމް ލީޑަރު ކަނޑައެޅުމުގެ މަޖިލީސް ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބާއްވާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިރާނުގެ ސުޕްރީމް ލީޑަރަކު ކަނޑައެޅުމުގެ ޒިންމާ ހަވާލުވެފައިވަނީ އެސެމްބްލީ އޮފް އެކްޕްސްޕާޓްސްގެ ނަމުގައި އުފައްދާފައި އޮންނަ ޚާއްސަ މަޖިލީހަކަށެވެ. މި މަޖިލީހުގައި ހިމެނޭ މެމްބަރެއް ކަމަށްވާ އާޔަތުالله މޮޒަފަރީ އާއި ހަވާލާދީ އިރާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އައު ސުޕްރީމް ލީޑަރަކު އައްޔަނުކުރުމުގެ ބައްދަލުވުން ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބޭއްވުމަށް މިހާރު ވަނީ ތައްޔާރުވެފައި އެވެ.

އިރާނުގެ ދައުލަތުގެ ހުރިހާ ކަމެއްގައި ވެސް އެންމެ ފަހުގެ ބަސް ބުނުމުގެ ޒިންމާ އޮންނަނީ އެގައުމުގެ އެންމެ މަތީ ލީޑަރު ނުވަތަ ސުޕްރީމް ލީޑަރަށެވެ. މިދިޔަ ހޮނިހިރު ދުވަހު އެމެރިކާ އިސްވެ އޮވެ އިސްރާއީލުގެ ބައިވެރިވުމާއިއެކު އިރާނަށް ދިން ބޮޑު ހަމަލާއެއްގައި އެގައުމުގައި ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ އަވަހާރާކޮށްލާފައި އެވެ. މިއާއިއެކު މިވަގުތު އެގައުމު ހިންގުމުގެ ޒިންމާ އަދާކުރަމުންދަނީ ވަގުތީ ލީޑަރޝިޕް ކައުންސިލަކުންނެވެ. އެކައުންސިލްގައި ހިމެނެނީ އިރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން އާއި އުއްތަމަ ފަނޑިޔާރު ޣުލަމްހުސައިން މުހުސެނީ އެޖެއިގެ އިތުރުން ވަގުތީ ގޮތުން އައްޔަނުކުރި އަލީ ރިޒާ އަރާފީ އެވެ.

ޚާމަނާއީ މަރަށްފަހު އެ މަގާމު އަދާކުރާނެ ލީޑަރަކު އައްޔަނުކުރާ އެސެމްބްލީ އޮފް އެކްސްޕާޓްސްއަކީ އެގައުމުގެ ސިޔާސީ އަދި ދީނީ އިލްމުވެރިން ހިމެނޭ 88 މެންބަރުން ހިމެނޭ މަޖިލީހެކެވެ.

ގުޅުންހުރި ލިޔުންތައް