ދ. ރިނބުދޫ ގައި ޢިމާރާތްކުރެވޭ މިސްކިތުގެ އިތުރުން ހިންގަވާނެ އިތުރު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ވަރަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން ސްކޫލަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމުގެ މައްސަލައަށް، ދާއިމީ ރަނގަޅު ހައްލެއް އައުމަކީ ރަށުގެ ރައްޔިތުންނާއި، ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންނަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި، މިހާރު ކުރިއަށްދާ އިދާރީ އަދި ފަންނީ މަސައްކަތްތައް ފުރިހަމަކުރައްވައި، 6 ކުލާސްރޫމް ހިމެނޭ ގޮތަށް، ކޮމްޕިއުޓަރ ލެބާއި ލައިބްރަރީ ފަދަ ތަންތަންވެސް ހިމެނޭ ގޮތަށް، ސްކޫލުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢެއް އެންމެ ލަސްވެގެން މި އަހަރުގެ މެއި މަހުގެ ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދ. ރިނބުދޫގެ ޞިއްޙީ މަރުކަޒުގައިވެސް ހައްލު ބޭނުންވާ ކަންތައްތަކެއް އެބަހުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާ މަޝްރޫޢެއްގެ ގޮތުގައި، ޞިއްޙީ މަރުކަޒުގެ ޖާގައާއި، ވަޞީލަތްތަކާއި މުވައްޒަފުން ހަމަކޮށްދެއްވުމުގެ މަޝްރޫޢެއް، ހިންގަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
ގޯތީގެ މައްސަލައަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މި މައްސަލައަކީ އަދިވެސް އެ ރަށުގައި ހައްލު ނުލިބި އޮތް މައްސަލައެއްކަމުގައެވެ. ނަމަވެސް އަދި އެކަން އޮތީ އެހާ ފަސޭހައިން ޙައްލުކުރެވޭ ގޮތަކަށް ނޫންކަމަށާއި، އެހެންނަމަވެސް ރަށުގެ ކައުންސިލާއެކު މިކަމާ މަޝްވަރާކުރެއްވުމަށްޓަކައި ފަންނީ ޓީމެއް މާލެއިން މިއަދުގެ ވަގުތެއްގައި ދ. ރިނބުދޫއަށް ދާނެކަމަށެވެ. އަދި އެއަށްފަހު އެކަމަށް ގެނެވޭނެ ޙައްލު ގެނެސްދެއްވާނެ ކަމަށެވެ.
ދ. ރިނބުދޫއަކީ ރަންރިހީގެ އަތްތެރި މަސައްކަތުގައި އަރާ ތިބި ރައްޔިތަކު ދިރިއުޅުއްވާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ ކަންކަމަކީ ދިވެހި އައިޑެންޓިޓީ ހިމާޔަތްކުރުމުގެ ޤައުމީ މަސައްކަތުގައި ހިމެނޭ މުހިންމު ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެމަނިކުފާނުގެ ވިސްނުންފުޅުގައި ހުރީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގައި، ރަށުގައި ޤާއިމުވެ ތިބެގެން މި ހުނަރު ދަސްކޮށްދެވޭނެ ނިޒާމެއް ދ. ރިނބުދޫގައިވެސް ޤާއިމުކުރެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



