- Advertisement -spot_img

ރައީސްގެ ތަސައްވުރާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ރަނގަޅު ކައުންސިލެއް އޮތުން މުހިންމު: އާދަމް ޝަރީފް

ރައީސްގެ ތަސައްވުރާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ރަނގަޅު ކައުންސިލެއް އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެމަނިކުފާނާއެކު މަސައްކަތް ކުރާނެ ރަނގަޅު ލޯކަލް ކައުންސިލެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް ކަމަށްވެސް ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

”ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައި އެބަހުރި ވަރަށް މުހިންމު އަސާސީ ކަންތައްތައް، ރައްޔިތުންނަށް ލުއިފަސޭހަވާނެ ކަންތައްތައް. އެކަންކަން ކުރިއަށް ގެންދިއުމަށް ތަންފީޒުކުރުމަށްޓަކައި ރަނގަޅު ހަރުދަނާ ބަޔަކު ކައުންސިލުގައި ތިބުން ލާޒިމުވާ ކަންތައްތަކެއް އެބަހުރި“ އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ވަނީ މާލޭގެ ބަނދަރު މައްޗަށް ހެޔޮ ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގެ ރީތިކަމާއި، ސާފުތާހިރުކަމާއި އަދި އުޅަނދު ޕާކު ކުރުން ފަދަ ކަންކަން އިންތިޒާމު ކުރެވޭނީ، ކައުންސިލުން ރަނގަޅަށް ޒިންމާ އަދާކޮށްގެން ކަމަށް ވިދާޅުވި އެވެ.

މާލޭގެ ކައުންސިލްގެ ތިއްބަވާ މެންބަރުންނަކީ، ސަރުކާރުގެ ތަސައްވުރު ގަބޫލުކުރާ ބަޔަކަށްވާންޖެހޭ ކަމަށާއި މިފަހަރުގެ އިންތިހާބަކީ ޕީއެންސީއަށް ހާއްސަ އިންތިހާބަކަށް ހަދަންޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

”ޕީއެންސީގެ ފަރާތުން ނިކުމެ ތިއްބެވި ކޮންމެ ބޭފުޅަކަށް ވޯޓު ދެއްވުމަކީ މިއަދު އަޅުގަނޑުމެންނަށް ގައުމީ ގޮތުން ވިސްނައިފިނަމަ ގައުމީ ވާޖިބެއް. ސިޔާސީ ގޮތުން ވިސްނައިފިނަމަ މިއަށްވުރެ ވަކި ވޯޓުދޭން ރަނގަޅު ޕާޓީއެއް ނެތް ކަމަށް،“ އާދަމް ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.

ގުޅުންހުރި ލިޔުންތައް