ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދ. މީދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ހަވީރު މީދޫ ކައުންސިލް އިދާރާގައި ކުރިޔަށްދިޔަ މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މީދޫ ކައުންސިލުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށާއި ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދެއްދުމަށް އެދުނެވެ. އަދި ބަނދަރު ތޮށްޖެހިފައިވާ މައްސަލައަށް ހައްލެއް ބޭނުންވާކަމަށާއި، ބިން ހިއްކުމުގެ ސަބަބުން މޫދަށް އެރޭނެ އެކަށީގެންވާ ސަރަހައްދެއް ނެތުމުން ހުރި ކަންބޮޑުވުންތައް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރަށުގެ ޞިއްޙީ މަރުކަޒު، ލެވެލް ހަތަރަކަށް މަތިކޮށްދެއްވުމަށްވެސް ކައުންސިލުގެ ފަރާތުން ވަނީ އެދިވަޑައިގެންނެވިއެވެ.
ކައުންސިލުން ވަނީ ވޭޕް މަނާކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް ރައީސްއަށް ވަނީ ތައުރީފުކޮށްފައެވެ. މީގެއިތުރުން ޒުވާނުންނަށް ބޭނުންވާކަންކަންވެސް ތަފްޞީލީ ގޮތެއްގައި ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ވަނީ ސަރުކާރުން ރަށަށް ގިނަ ކަންކަން ކޮށްދެއްވާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު މުއައްސަސާތަކުގެ ވެރިންނަށް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މީދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އަލަށް ޤާއިމުކުރި ބޭންކް އޮފް މޯލްޑިވްސް އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަސްމީކޮށް އެރަށުގައި ފައްޓަވައިދެއްވާފައެވެ.



