- Advertisement -spot_img

ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނޭކަމަށް ރައީސް ވިދާޅުވެއްޖެ

ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް، އަންނަ އަހަރު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެންވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ބަނޑިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަނޑިދޫގައި މިވަގުތު އޮތް ޖާގައިގެ ދަތިކަމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުރުން ނުރައްކާތެރި ބައެއް މަސައްކަތްތައް، އެހެން ސަރަޙައްދަކަށް ބަދަލުކުރަން ދަތިވެފައިވާކަންވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ފައިބަރު މަސައްކަތާއި، ކުނި ކޮށި ފަދަ ތަންތަން އެހެން ސަރަޙައްދަކަށް ބަދަލުކުރެވޭނޭގޮތަށް ވިސްނަވައިގެން އެ ރަށުގެ ބިން ބޭނުންކުރާ ގޮތުގެ ޕްލޭން މުރާޖަޢާ ކުރެއްވުމަށް ރަށު ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ.

ބަނޑިދޫ ކައުންސިލުގެ ފަރާތުން މި މަސައްކަތް ފުރިހަމަ ކުރެއްވުމާއެކު، އެ ޕްލޭންގައިވާ ގޮތަށް މަސައްކަތް ފައްޓަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބިންހިއްކުމުގެ އިތުރުން، ރަށުގެ މަސްވެރިންނާއި އޮޑިވެރިން އެދޭ ގޮތަށް، އެ ރަށު ބަނދަރުގެ ބޭރު ތޮށި ބަދަލުކޮށްދެއްވައި ޖާގަ އިތުރުކޮށްދިނުމުގެ މަސައްކަތްވެސް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއީ ބޭކާރު ޚަރަދެއް ނޫންކަމަށް ވިދާޅުވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި ދުރު ރާސްތާއަށް ބަލާއިރުވެސް، އެ މަސައްކަތްވެގެންދާނީ ރަށަށްޓަކައި ކުރެވޭ ބޮޑު މަސައްކަތެއްކަމަށެވެ. އަދި މަސްވެރިކަމާއި އެ ނޫންވެސް ރަށުގެ ސިނާޢަތްތައް ކުރިއެރުވުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން ބަނޑިދޫގެ ސްކޫލާއި ސިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް މި އަހަރަށް ތާވަލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ޒުވާނުންގެ މަރުކަޒުގެ ފިޓްނަސް ރިކްރިއޭޝަން ސެންޓަރު ފަދަ، ކުރިން ފެށުމަށްފަހު އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ލަސްވެގެން މަހެއްހާ ދުވަހުގެ ތެރޭގައި އަލުން ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް