ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ބަނޑިދޫ އިސްރަށްވެހިންނާ ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ބަނޑިދޫ ސްކޫލުގައި ކުރިޔަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ބަނޑިދޫގެ އިސްރަށްވެހިން ވަނީ އެބޭފުޅުން ބޭނުންފުޅުވާ ކަންކަމާއި، އެބޭފުޅުންގެ ކަންބޮޑުވުންތައް ރައީސްއަށް ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ބިން ހިއްކުމަށް ބޭނުންވާކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އިސްރަށްވެހިންވަނީ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި، ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސްއަށް ދަންނަވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ބަނޑިދޫގެ އިސްރަށްވެހިން ބޭނުންވާ ގޮތަށް ބިން ހިއްކުމުގެ ކަންކަމާއި، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަ އިރު ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ކަމާބެހޭ ވުޒާރާއާއި ވާހަކަދެއްކުމަށްފަހު ކުރިއަށްގެންދިއުމަށް މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅުކުރައްވާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



