މުޅި ވިލިމާލެ ސާފުކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މައްސައްކަތްތަކާބެހޭ ވުޒާރާއާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން ”ސާފު ވިލިމާލެ ރައްކާތެރި ވެށި“ ގެ ނަމުގައި ހަރަކާތެއް ފަށައިފިއެވެ.
މި ހަރަކާތަކީ ރޯދައަށް ވިލިމާލެ ސާފުކުރުމަށްކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގައި މީހުންނަށް އުނދަގޫވާގޮތަށް ކުނި ޖަމާވެފައިވާ ސަރަހައްދުތައް ސާފުކުރާނެއެވެ.
މިހަރަކާތް ކުރިޔަށް ދާނީ މިއަދު ހެނދުނު 9 އަކުން އިރުއޮއްސި 6 އަށެވެ. މި ހަރަކާތުގައި ވިލިމާލޭގެ ސިނާއީ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދުތަކެއް ސާފުކުރުމުގެ އިތުރުން ގޭބީސީތަކުގައި ހުރި ކުނިތައްވެސް ސާފުކުރާނެކަމަށް މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
ރޯދައަށް ސާފު ކުރުމުގެ ހަރަކާތްތައް މުޅި ރާއްޖޭގައިވެސް މި ދުވަސްދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން އިއްޔެވަނީ މުޅި ހުޅުމާލޭ ސާފުކުރުމުގެ ހަރަކާތެއް އެޗްޑީސީއިންވެސް ވަނީ ފަށައިފައެވެ. ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތުގައި އެޗްޑީސީގެ އިތުރުން ހުޅުމާލޭގައި ގާއިމްވެފައިތިބި ސަރުކާރުގެ މުއައްސަސާތަކަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުންވެސް ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހު ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ ގުޅިގެން ވަނީ ”ރޯދަ ސާފު“ގެ ނަމުގައި ހާއްސަ ހަރަކާތެއް ވަނީ ހިންގާފައެވެ. އަދި މިހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.



