- Advertisement -spot_img

އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް ޚިދުމަތް ދޭން ފަށައިފި

އައްޑޫ ސިޓީގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސަރުކާރުން އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، މިއަދު ބޭނުންކުރަން ފަށައިފިއެވެ.

މާލެ ފިޔަވައި މީހުން އެންމެ ގިނައިން ދިރިއުޅޭ އައްޑޫ ސިޓީގެ ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވާތާ މިހާރު އަހަރުތަކެއް ވަނީ ފާއިތިވެ ގޮސްފައެވެ. ނަމަވެސް މިހާތަނަވެސް މިކަމަށް ދާއިމީ ޙައްލެއް ނުލިބުމުގެ ޝަކުވާ އެ ސިޓީގެ ރައްޔިތުންގެ އަބަދުވެސް ކުރެއެވެ.

މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ޑރ. މުއިއްޒުގެ ސަރުކާރުން ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު އެސިޓީއަށް ވަނީ 1.8 މެގްވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސްފައެވެ. އައްޑޫ ސިޓީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ މިޖަނަނޭޓަރުގެ ސަބަބުން ސަރުކާރުން މި ރަމަޟާން މަހުގެ ކުރިން އެސިޓީގެ ކަރަންޓްގެ ކަންކަން ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށްގެން ކުރާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.  

ފެނަކަ ކޯޕަރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ޔަޤީން ކުރުމަށްޓަކައި، އެ ސިޓީއަށް ގެންދެވުނު 1.8 މެގަވޯޓުގެ ޖަނަރޭޓަރު ސެޓް މިހާރު އިންސްޓޯލްކޮށްފައިވާކަމަށެވެ. އަދި މިހާރު އެ ޖަނަރޭޓަރު ސެޓުން ކަރަންޓު ފޯރުކޮށްދެއްވަމުން ގެންދަވާކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން މައުލޫމާތު ދޭގޮތުގައި އައްޑޫ ސިޓީގައި މިހާރު ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ 3 ޖަނަރޭޓަރެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށެވެ. ނަމަވެސް ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން 1 ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފަށާފައިވާ ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ. އަދި ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ހިންގޭނެކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ. މީގެއިތުރުން ރާއްޖެއިން ބޭރުން ސްޕެއަރ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް، ހިންގަން ފެށޭނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވާ މަހެކެވެ. ހާއްސަ ގޮތެއްގައި އައްޑޫ ސިޓީގައި ތަރައްޤީގެ އެކި އެކި މަޝްރޫއުތައް ކުރިއަށް ދާއިރު، ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުން ދާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ފެނަކައިން ދަނީ މަސައްކަތްކުރަމުންނެވެ.

އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ގެ ޚާއްޞަ އިރުޝާދާއި ލަފާފުޅާއެކު ކުރިޔަށްދާ މަސައްކަތެކެވެ. އަދި މިކަމަށް ދާއިމީ ހައްލު ހޯދުމަށް މަސައްކަތް ފެށިފައިވާއިރު، ދޮޅު އަހަރު ތެރޭ ޢަމަލީ މަސައްކަތް ނިންމުމަށް ފެނަކައިން ވަނީ އަމާޒު ހިފާފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެ ސިޓީގައި 32 މެގަވޮޓްގެ ޕަވަރ ހައުސްއެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތްވެސް ހުއްޓި ދިގުމުއްދަތެއް އޮތުމަށްފަހު، އެ މަސައްކަތް އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިސަރުކާރުން ގެންދަވަނީ އަޅުއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް