- Advertisement -spot_img

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެނެވުނު 14 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރައްވައިފި

ޤާނޫނު ނަންބަރު 7/2010 (ލާމަރުކަޒީ ޤާނޫނު) އަށް ގެނެވުނު އިހްލާހުތަކުގެ ބިލަކީ 2025 ވަނަ އަހަރުގެ ފެބުރުއަރީ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ.

ސަރުކާރުން ހުށަހެޅުއްވި މި އިޞްލާޙުގެ މަޤްޞަދަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށްރަށާއި ސިޓީތަކުގައި އިންތިޚާބުކުރެވޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) ދައުރު ހަރުދަނާކޮށް އިތުރަށް ސާފުކޮށްދިނުމެވެ.

މި އިޞްލާޙުގައި ޑަބްލިޔުޑީސީތަކުގެ މަސްއޫލިއްޔަތުތައް ސާފުކޮށް ބަޔާންކޮށްދީ، ހިންގުމުގެ ފިޔަވަޅުތައް ހަރުދަނާކޮށް، އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ނިޒާމުތަކެއް ޤާއިމުކޮށްދީފައިވެއެވެ. އަދި މީގެ އިތުރުން، މި ކޮމިޓީތަކަށް މުހިންމު ވަސީލަތްތަކާއި، ތަމްރީނާއި، ވަސީލަތްތައް ލިބިދިނުމަށް ރަށު/ސިޓީ ކައުންސިލްތަކާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދައުރު ބަޔާންކޮށްދީފައިވެއެވެ.

ފައިސާގެ ދަތިކަމަށް ޙައްލެއް ހޯދުމަށްޓަކައި، މި އިޞްލާޙުގައި ކައުންސިލްތަކަށް ސަރުކާރުން ދޭ ގްރާންޓްތަކުން ފައިސާ ކަނޑައެޅުމަށް ސާފު އަދި ރޭވިފައިވާ އިޖުރާއަތުތަކެއް ތަޢާރަފުކޮށްދީފައިވެއެވެ. އަދި މި ފައިސާ ޑަބްލިޔުޑީސީތަކުން ބަލަހައްޓައި ބޭނުންކުރަންވީ ގޮތުގެ އުސޫލުތަކެއްވެސް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، މި އިޞްލާޙުގައި ކޮމިޓީ މެންބަރުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ތަޢާރަފުކޮށްދީފައިވެއެވެ. އެހެން ޤާނޫނެއްގެ ދަށުން ރަމަޟާން މަހުގެ ޢިނާޔަތް ނުލިބޭ ކޮންމެ ޑަބްލިޔުޑީސީ މެންބަރަކަށް މިހާރު ކޮންމެ ރަމަޟާން މަހެއް ފެށުމުގެ ކުރިން 3،000 ރުފިޔާ ލިބިދެވޭނެއެވެ.

މި މައިގަނޑު ބަދަލުތަކުގެ އިތުރުން، މި އިޞްލާޙުގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ ދަށުން ދިމާވެފައިވާ އެކި ތަންފީޒުކުރުމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދައިދީފައިވެއެވެ.

މި އިޞްލާޙު ތަޞްދީޤުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި، އެއާ އެއާ އެއްގޮތަށް ޢަމަލުކުރަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް