މިއަދުގެ ހުކުރު ޚުތުބާގައި އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތަކަށް އަލި އަޅުވާލައި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ ކީރިތި ރަސޫލާ އިސްލާމީ ދަޢުވަތު ދެއްވުމުގައި އުފުއްލަވަމުން ގެންދެވި ބުރަތަކަށާއި އެ ކަމަށްޓަކައި ތަޙައްމަލުކުރެއްވި ދަތިތަކަށާއި، ކެތްތެރިވެވަޑައިގަތް ކެތްތެރިވެވަޑައިގަތުމަށް މާތްالله ދެއްވެވި މަތިވެރި އިނާމެއް ކަމަށް ބުނެފައިވެއެވެ.
އެއީ ކީރިތި ރަސޫލާގެ ނިޔަނެތި އަދި މަދަދުވެރި އަނބިކަނބަލުން ޚަދީޖަތުގެފާނާއި އެކަލޭގެފާނަށް ޙިމާޔަތްދެއްވުމުގައި ހުންނެވި ލޮބުވެތި ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ސަބަބުން ލިބިވަޑައިގަތް ހިތާމައަށް ދެއްވެވި ތަސައްލީއެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނެފައިވަނީ، މުސްލިމުންގެ ތެރޭގައި މި ޙާދިސާ ހިނގިކަމަށް މަޝްހޫރުވެފައިވަނީ ރަޖަބުމަހުގެ ހަތާވީސް ވިލޭރޭގައިކަމަށެވެ. އަދި އިސްރާގެ ހާދިސާ ހިނގައިފައިވާކަން ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވާކަން ހުތުބާގައި ފަހަގަކޮށްފައިވެއެވެ.
ކީރިތި ރަސޫލާ(ޞ) އަށާއި އުންމަތަށް މިޢުރާޖުގެ ދަތުރުފުޅުގައި މާތްالله ދެއްވެވި އެންމެ ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދުކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ އެއްވެސް މެދުވެރިއަކާ ނުލައި، ރަސޫލާ(ޞ) ގެ މައްޗަށާއި އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ފަރުޟުކުރެއްވި އަޅުކަން ކަމަށާއި އެހެންކަމުން ނަމާދަކީ މުސްލިމުންގެ މިޢުރާޖުކަމަށް ޢިލްމުވެރީން ވިދާޅުވާކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ނަބިއްޔާ ގެ މާތްކަމާއި ނަބީބޭކަލުންގެ އަރިހުގައި އެކަލޭގެފާނުގެ މަޤާމުގެ މަތިވެރިކަން ހާމަވީ އެކަލޭގެފާނު ހުރިހައި ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން، ބައިތުލްމަޤްދިސުގައި ނަމާދުފުޅުކުރެއްވުމުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިސާއެއް ކަމަށާއި ރޭގަނޑުން ބައެއްގައި މާތްالله މާތްކުރައްވައިފައިވާ މައްކާގެ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް ކުރެއްވި ދަތުރުފުޅު ކަމަށް ހުތުބާހައި ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމަށް އަލިއަޅުވާލާއިރު އެކުވެރީންނާއި ރަޙުމަތްތެރީން އެނގޭނީ ކުރިމަތިވާ ބޮޑެތި ކަންތައްތަކުންކަމަށް ބުނެދީފައިވެ އެވެ. އެގޮތުން ކީރިތި ރަސޫލާ، އިސްރާއާއި މިޢުރާޖުގެ ވާހަކަފުޅުތައް މައްކާގެ އަހުލުވެރީންގެ ގާތުގައި ދެއްކެވުމުން، އެކަލޭގެފާނު ދޮގުކުރުމުގައްޔާއި، މުއުމިނުންގެ ހިތްތަކުގައި އެކަލޭގެފާނާ މެދު ޝައްކު އުފެއްދުމަށް، މުޝްރިކުން އަވަސްވެގަތް ނަމަވެސް ސާބިތުކަމާއެކު އެކަލޭގެފާނުގެ ބަސްފުޅުތައް ތެދުކުރެއްވި ބޭކަލަކީ އަބޫބަކުރުގެފާނު ކަން ފާހަގަކޮށް އެކަމުގެ ސަބަބުން އެކަލޭގެފާނަށް އައްޞިއްދީޤުގެ ލަޤަބު ލިބިވަޑައިގަތް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އިސްރާއާއި މިޢުރާޖުން ކަށަވަރުވާ އަނެއް ކަމަކީ، އިންސާނާ ކުރާ ކޮންމެ ހެޔޮ ކަމަކަށް މާތްالله މަތިވެރި ސަވާބާއި ދަރުމަ ދެއްވާނޭކަން ކަމަށާއި އޭނާގެ ދޫ ރައްކާތެރިކޮށް، اللهގެ މަތީން ހަނދުމަކުރުމުގައި ދެމިހުންނަ މީހާއަށް ގިނަގުނަ ސަވާބު ދެއްވުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.



