ޤައުމެއްގެ ހައިބަތު އިތުރުކުރުމަށް އެޤައުމެއްގެ އިސްރަށްވެހިންގެ ދައުރު ވަރަށް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު މާލޭގައި ހުޅުވި އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުމާ ގުޅިގެން ”އިސްވާރުންގެ އަހަރީ އުފާ – 2025″ގެ ނަމުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ޤައުމެއްގެ ހައިބަތު އިތުރު ކުރުމަށް އެޤައުމެއްގެ އިސްރަށްވެހިންގެ ދައުރު ވަރަށް މުހިންމުކަމަށާއި އަދި އެހެންކަމުން އިސްރަށްވެހިންނަށް ޚާއްސަ އިސްކަމެއް ދޭނެޖެހޭކެމެވެ. އަދި އެފަރާތްތަކުން ދެއްވާ އިލްމީ އަދި ފިކުރީ މަންފާ މިހާރުގެ ޒުވާނުން ލިބިގަންނަންޖެހޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
”ރަސްކަލެއްގެ ތާޖު ހައިބަތު އިތުރުކުރުމަށް އޭގައި ބަބުޅަމުންދާނެ އެސްތައް ބޭނުންވާ ފަދައިން ޤައުމެއްގެ ހައިބަތު އިތުރު ކުރުމަށްޓަކައި އެޤައުމެއްގެ އިސްރަށްވެހިން ވަރަށް މުހިންމު. އެހެންވީމާ، އިސްރަށްވެހިންނަން ޙާއްސަ އިސްކަމެއް ދޭންޖެހޭ. ޤަދަރު ކުރަންޖެހޭ.“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވިގޮތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްރަށްވެހިންގެ ނާދީތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމުން ހާމަވެގެންދަނީ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށާއި ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ކަމަށެވެ. އަދި ދިވެހި ޤައުމު މި ދެކޭ ކުރިއެރުމުގެ އަސްލު މޭސްތިރިންނަކީ އިސްރަށްވެހިންކަން މެޑަމް ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.
އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި އިސްރަށްވެހިންގެ ނާދީން ޚިދުމަތް ހޯދާ ފަރާތްތަކަށާއި އެ ތަނުގައި ހިންގާ ޕްރޮގުރާމްތަކުގައި ބައިވެރިވުމަށް ބޭނުންކުރެވޭނެ މެންބަރޝިޕް ކާޑެއް ވަނީ ތަޢާރަފްކޮށްފައެވެ. މި މެންބަރޝިޕް ކާޑު ތަޢާރަފްކޮށްދެއްވީ ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމެވެ. އަދި މީގެ އިތުރުން މިޖަލްސާގައި ނާދީގެ ލޯގޯވެސް ވަނީ ތަޢާރަފްކޮށްފައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމްއާއި އެމިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވިއެވެ.



