- Advertisement -spot_img

މައި ދެ އިންތިޚާބު އެއްކޮށް ބާއްވަން ބިލެއް ހުށަހަޅައިފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ.

މަޖިލީހުގެ މެޖޯރިޓީ ލިޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް ހުށަހެޅުއްވި މި އިސްލާހުގެ ދަށުން، އާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭ ތާރީޚަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަންނަ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަސް ކަމަށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ. މި ބަދަލާއެކު މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ޑިސެންބަރު 1، 2028 އަށް ހަމަވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިގޮތުން ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިޚާބެއް ބާއްވަން ވާނީ، އިސްލާޙުތަކާ އެއްގޮތަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ދެ އިންތިޚާބު އެއްކޮށްލުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުން އިންތިޚާބުތަކަށް ކުރާ ބޮޑު ޚަރަދު ކުޑަކުރުންކަމަށް ބިލުގައި ފާހަގަކޮށްފައިވާއިރު، މިގޮތުން ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފަލާހްގެ ބިލުގައި ލަފާކޮށްފަވެއެވެ.

މި އިސްލާހު ފާސްވެއްޖެނަމަ، ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެއެވެ. މީގެ ކުރިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވަމުން އައީ ދެ ތާރީޚެއްގައެވެ.

ގުޅުންހުރި ލިޔުންތައް