- Advertisement -spot_img

މަތީ ތަޢުލީމު ދޭ އަމިއްލަ ތަންތަނުން ދޭ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރާނަން: ވަޒީރު ޙައިދަރު

މަތީ ތަޢުލީމު ދިނުމަށް އަމިއްލަ ތަންތަނުގައި ކިޔަވައިދެނީ ކަނޑައަޅާފައިހުރި މިންގަނޑުތަކަށްކަން ޔަޤީންކުރުމަށް ވަރަށް ގާތުން ބަލާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

އާންމު ފަރާތްތަކަށް ބޭނުން ސުވާލެއް ކުރެވޭގޮތަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިޔަށް ގެންދާ ”އަހާ“ ފޯރަމްގައި ވަޒީރުވަނީ މަތީ ތަޢުލީމަށް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދޭ އަހަންމިއްޔަތާއި އަދި ތަޢުލީމީ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ރައްޔިތުންނަށް ޙިއްސާ ކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެވުޒާރާގެ އެންމެ މުހިންމު ސިޔާސަތަކީ ރާއްޖޭގައި ދެވޭ މަތީ ތަޢުލީމަކީ ފެންވަރު ރަނގަޅު، ރަށްޔިތުން ބަލައިގަންނަ ފެންވަރެއްގެ ތަޢުލީމަކަށް ހެދުން ކަމަށެވެ. މީގެތެރެއިން މަތީ ތަޢުލީމު ދޭ ހުރިހާ މުއައްސަސާތަކުގެ ކިޔަވައިދިނުމުގެ ފެންވަރާއި، ސަރުކާރުން ކަނޑައަޅާފައި އޮންނަ ކޮލިފިކޭޝަން ފްރޭމް ވޯކް ތެރެއިން ތައުލީމް ހާސިލް ކުރާ ތަންތަނުގައި އެ ފްރޭމް ވޯކާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރުކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގައި އެންމެ ބޮޑު ދައުރެއް އޮންނާނީ އެމިނިސްޓްރީގެ ދަށުން ހިނގާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން ރައްޔިތުންނަށް ޔަޤީންކަން އަރުވަން، ޚާއްސަކޮށް އަމިއްލަ ކޮލެޖުތަކުގައި ކިޔަވައިދޭއިރު ކަނޑައަޅާފައިހުރި މިންގަނޑުތަކަށް، ކޮލެފިކޭޝަންގެ ތެރެއިންތޯ ކިޔަވައިދެނީ ޔަޤީންކުރުމަށް. ގޮންޖެހުންހުރި ކަމެއް ނަމަވެސް ވަރަށް ގާތުން އެކަން ބަލާނަން.“ ވަޒީރު ޙައިދަރު ވިދާޅުވިއެވެ.

މި ފޯރަމްގައި އާންމު ފަރާތަކުން ވަނީ ޑިގްރީ ޕްރޮގްރާމްތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދެވި ލަސްވަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. މިސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ ޑިގްރީ ޕްރޮގްރާމްތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި އެންމެ ބޮޑު މައްސަލައަކީ ހުށަހަޅާ ފަރާތްތަކުން ލިޔެކިޔުންތައް ހަމަނުކޮށް ހުރުން ކަމުގައެވެ. އަދި ލިޔެކިޔުންތައް ރަނގަޅަށް ހުށަހަޅާނަމަ ފައިސާ ދޫކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ހުނަރުވެރި ތަޢުލީމީ ޤާބިލު ބަޔަކު އުފެއްދުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެމަތިން އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ބޭރުގެ ފަރާތްތަކަށް ދިނުމަށް އެކްސްޕޯޓް އެޑިއުކޭޝަންގެ ކަންކަން ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް