ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން، ރަހުނެއް ބެހެއްޓުމަކާ ނުލައި 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެ އާ އުސޫލެއް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ. ބީއެމްއެލްއިން މިގޮތަށް ހަމަޖައްސަވާފައިވަނީ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގ ޕްރޮޑަކްޓަތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިންނެވެ. މި އައު އުސޫލުގެ ދަށުން، ޝަރުތު ހަމަވާ ވިޔަފާރިތަކަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލިބިގެންދާނެއެވެ.
ގެދޮރުވެރިކަމުގެ ވިޔަފާރި ލޯނަށް ގެނެސްފައިވާ ބަދަލުތައް:
އިކުއިޓީ ނުވަތަ އަމިއްލައަށް ކުރަންޖެހޭ ޚަރަދު 30 އިންސައްތައިން 20 އިންސައްތައަށް ދަށްކުރުން
ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް ބަދަލުކުރުން
ކުންފުނިތަކުގެ ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު ފައިނޭންސިންއަށް ހުށަހެޅޭނެގޮތް ހަމަޖެއްސުން
ގެސްޓްހައުސް ވިޔަފާރިއަށް ދޫކުރާ ލޯނަށް ގެނެސްފައިވާ ބަދަލުތައް:
ލޯނަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތަށް ހަމަޖެއްސުން
ގެސްޓްހައުސް ހިންގާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ %11 ގެ ރޭޓުން ލޯނު ލިބޭގޮތް ހަމަޖެއްސުން
އަލަށް ފަށާ ގެސްޓްހައުސްތަކަށް %12ގެ ރޭޓުން ލޯނު ލިބޭގޮތަށް ހަމަޖެއްސުން
ވިޔަފާރި ފުޅާކުރުމަށް ދޫކުރާ ލޯނަށް ގެނެސްފައިވާ ބަދަލުތައް:
ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ލޯނު ނެގޭ ގޮތް ހަމަޖެއްސުން
ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިހާރުގެ ޝަރުތުތައް ލުއިކުރުން
މިބަދަލުތަކާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް ބީއެމްއެލްއިންދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއް ކަމަށެވެ.
”ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް ހޯދަން ފަސޭހަކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން މިދަނީ ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން“ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިންވަނީ ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް އެބޭންކުން ދޫކުރާ ލޯން ސްކީމްތަކަށްވެސް ރައްޔިތުންނަށް ފަސޭހަވާނެ ގިނަ ބަދަލުތަކެއް މިހަފްތާތެރޭގައި ގެނެސްފައެވެ. މިބަދަލުގެ ދަށުން ކުރިން އެޕާޓްމަންޓާއި، ރޯ ހައުސްއާއި ސިންގަލް ޔުނިޓް ގަތުމަށް ދޫކުރަމުން އައި ލޯން ބިމާއި ޕާކުކުރާނެ ޖާގަ ގަތުމަށްވެސް ލޯނު ދޫކުރަން ބޭންކުންވަނީ ނިންމާފައެވެ.
މިއީ ޤައުމުގެ އިޤްތިޞާދީ ދުވެލި ހަރުދަނާކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމަށް ރައީސުލް ޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ހާސިލްކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން ނިންމި މުހިންމު ނިންމުންތަކެކެވެ.



