އަންގާރަ, ޑިސެމްބަރ 9, 2025
spot_img
- Advertisement -spot_img

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ގަޕޯ

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އިންތިހާބުކޮށްފިއެވެ.

މިރޭ އެޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި، ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން 65 މެންބަރުން ވަނީ ތާއީދުކޮށްފައެވެ. ގަފޫރު އައްޔަންކުރެވުނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޕާޓީގެ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަންގެ މަގާމު ހުސްވެއްޖެނަމަ، އިންތިހާބެއް ބާއްވައި ދާއިމީ ބޭފުޅަކު ހޮވުމާ ހަމައަށް ވަގުތީ ބޭފުޅަކު އައްޔަންކުރަން ޖެހެއެވެ.

މި މަގާމަށް ވަގުތީ ބޭފުޅަކު އައްޔަންކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ވެސް ގައުމީ މަޖިލިސް ބާއްވައި ވޯޓް ނެގުނެވެ. ނަމަވެސް، އެ ވޯޓާ މެދު ހިޔާލު ތަފާތުވެ، ބައްދަލުވުން ހޫނުވެ، އެ ޖަލްސާ ނިންމާލަން ޖެހިފައިވެއެވެ. އެދުވަހު މި މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް، އަބްދުލްގަފޫރު މޫސާ އަދި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު އެވެ.

ގަފޫރު ވަގުތީ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެވުމާއެކު، އެމްޑީޕީގެ ޗެއާޕާސަންގެ ދާއިމީ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ގުޅުންހުރި ލިޔުންތައް