އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ދުނިޔޭގެ ފީނުމުގެ ރެކޯޑެއް ”ސިޔާމް ވޯލްޑް“ ގައި ހަދައިފި

ރާއްޖޭގެ ޓޫރިސްޓް ރިސޯޓު، ”ސިޔާމް ވޯލްޑް“ ގައި ފީނުމުގެ ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.

ސިޔާމް ވޯލްޑާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެން އގާއިމުކުރި އެ ރެކޯޑަކީ، އެއް ތަނެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ފީނުމުގެ ރެކޯޑެވެ. އެއީ މުޅި އަލަށް ގާއިމުކޮށްފައިވާ ރެކޯޑެވެ.

އެ ރެކޯޑު ހަދާފައިވަނީ 307 ބައިވެރިންނާއެކުއެވެ. އެގޮތުން ”ސްނޯކަލް ވޯލްޑް 300“ ގެ ނަމުގައި ބޭއްވި އިވެންޓުގައި ބައިވެރިވުމަށް ރާއްޖޭގެ އުތުރުގެ ރަށްތަކުންނާއި ސިޔާމް ވޯލްޑް ރިސޯޓާ ކައިރި އަތޮޅުތަކުގެ ރަށްތަކުން ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

އެ ރެކޯޑު ހެދުމާއެކު ގިނަސް ވޯލްޑް ރެކޯޑްސްގެ ފަރާތުން ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި ގިނަސް ވޯލްޑް ރެކޯޑްސްގެ ފަރާތުން ކޮންމެ ބައިވެރިޔަކަށް ވަނީ ރަން މެޑަލް ދީފައެވެ. މިއީ ރާއްޖޭގައި ހެދި ދުނިޔޭގެ ރެކޯޑަކަށް މެޑަލް ދިން ފުރަތަމަ ފަހަރެވެ.

ފްރީޑައިވް މޯލްޑިވްސްގައި އިސްކޮށް ހަރަކާތްތެރިވާ ފަހުދު ފާއިޒް ވިދާޅުވީ އެ ޝަރަފަކީ ހަމައެކަނި ރެކޯޑެއް ނޫން ކަމަށާއި އެއީ އެކަން ހަގީގަތަކަށް ހެދުމުގައި ބައިވެރިވި ކޮންމެ މީހަކާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ރެކޯޑު ހެދުމަށްޓަކައި އެންމެން އެއްތަނަކަށް ޖަމާވީ ހިތްވަރާއި ގުރުބާނީއާއި ލޯތްބާއެކު ކަމަށް ފަހުދު ވިދާޅުވިއެވެ.

”މިއީ އެންމެ ފަހަރަކު ގޮވާލުމުން، މުޅި މުޖުތަމައު އެކުގައި، އެއްފަހަރާ، އެއްހިތަކުން އެއްވި އެއްވުމެއް. ދުވަސްތައް ދިގުވެ، ކުރިމަތިވި ގޮންޖެހުންތައް ބޮޑުވި ނަމަވެސް، ކޮންމެ މެސެޖަކާއި ކޮންމެ އެއްބާރުލުމުގެ ބަހަކީ އަޅުގަނޑުމެންނަށް ކުރިއަށްދިއުމަށް ލިބުނު ބާރެއް. މިއީ އެކުވެރިކަމުން ލިބުނު ހިތްވަރު. ކުރެވެނީ އުފާވެރިކަމުގެ އިހުސާސް،“ އޭނާ ވިދާޅުވިއެވެ.

ފަހުދު ވިދާޅުވީ ފެނިގެން އެ ދިޔައީ ނުދަންނަ ބައެއް ނަމަވެސް އެއް ޓީމަކަށްވެ، ޓީމުގެ ބައިވެރިން އެއް އާއިލާއަކަށް ވެގެންދިޔަ ގޮތާއި އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުން ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔަ ގޮތް ކަމަށެވެ. ރެކޯޑެއް ހަދާ އިރު، އެ މުގުރާ ލެވުނު ނަމަވެސް، އެ އިވެންޓުން އުފެއްދި ގުޅުންތަކާއި ހަނދާންތަކާއި އެކުގައި މަސައްކަތްކުރުމުގެ އިހުސާސަކީ ފަނޑުވެގެންދާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އިވެންޓަކީ ކާމިޔާބު އިވެންޓަކަށް ހެދުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ފަހުދު ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް