އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ދެޕޮއިންޓަށް ކުޑަކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމު މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރުބެން ޑިއާސް އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ކްރޮއޭޝިއާ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމު ލީޑު ފުޅާކޮށްދީފައެވެ.

މިމެޗުގައި ސިޓީގެ ތިންވަނަ ލަނޑު ފަހުހާފުގެ 65 ވަނަ މިނެޓުގައި މިޑްފީލްޑަރު ފިލް ފޯޑެން ކަމިޔާބުކުރިއިރު، މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސަންޑަލޭންޑްގެ ޑިފެންޑަރު ލޫކް އޯ ނިއެންއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 15 މެޗުން މެންޗެސްޓާ ސިޓީއަށް 31 ޕޮއިންޓް ލިވިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ސަންޑަލޭންޑަށް ލީގުގައި ކުޅުނު 15 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ
ލީގުގައި މެންޗެސްޓާ ސިޓީއަށް ކުރިއަށް އޮތީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި ސަންޑަލޭންޑަށް ކުރިއަށް އޮތީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗެވެ.



