މުޅި ރާއްޖޭގައި ފުލުހުން ފަށާފައިވާ ’އޮޕަރޭޝަން އަލިމަގު’ގެ ދަށުން އައްޑޫގައި ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުސް އޮފީހުން މިއަދު ބުނީ އެ އޮޕަރޭޝަނުގެ ދަށުން އިއްޔެ ރޭ ހައްޔަރުކުރީ، އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ނެޓުވޯޓުގެ އިސް މީހުން ކަމަށެވެ.
ފުލުހުން ބުނީ މިއީ 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ބައެއް ކަމަށެވެ. އެ ނެޓުވޯކުގެ އިސް މީހުން ހޯދައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއްސުރެ ދިޔައީ ކުރަމުންނެވެ. މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީލޯންޑާ ކުރުމުގެ ތުހުމަތު ކުރެވޭ ކަނަށް ފުލުހުން ބުންޏެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި މި ނެޓުވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.



