ކެއިންބުއިމަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފަސޭހައިން ހޯލްސޭލްކޮށް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހޯލްސޭލް ސެންޓަރެއް މާލޭ ބާޒާރުމަތީގައި ރަސްމީކޮށް ހުޅުވައިފިއެވެ.
އެސްޓީއޯއިން ވިދާޅުވެފައިވާ ގޮތުގައި، މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށްވެސް އެހީތެރިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ހޯލްސޭލް ސެންޓަރު ހުޅުވާފައިވަނީ ކުރީގެ އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓް ހުރި ސަރަހައްދު، މާލޭ ނޯތު ހާބަރު ގޭޓް ސަރަހައްދުގައެވެ.
އެސްޓީއޯގެ މި ހޯލްސޭލް ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 17:00 އަށް ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއްވައެވެ.



