ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ ޓެލެތޯންއިން ފެނިގެން ދަނީ، އަވަށްޓެރި ޤައުމުތަކާއި މިއަދުގެ ސަރުކާރުން ގެންގުޅޭ ހަރުދަނާ ޚާރިޖީ ގުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ވަނީ، ”ސިލޯނާއެކު ދިވެހިން“ ޓެލެތޯންގެ ފަންޑަށް 300،000 ރުފިޔާ ހަދިޔާކޮށްފައެވެ. އެ ފައިސާ ޕީއެސްއެމްއާ ހަވާލުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ކިޔާ ކަމަށާއި ޙާލުގައި ޖެހިފައިވާ އާއިލާތަކަށް ޙަމްދަރުދީ ފޮނުވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެހީވުމުގައި އެންމެ ފުރަތަމަ އިސްނެގި ޤައުމެއްގެ ގޮތުގައި ރާއްޖެ ވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަވަށްޓެރި ޤައުމުތަކާއިއެކު ގެންގުޅުއްވާ ޙާރިޖީ ސިޔާސަތުގެ ވަރުގަދަކަން ކަމަށެވެ.
”މިއަދުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ވަރުގަދަ ކަމާއި ހަރުދަނާކަން މި އިނގިގެންދަނީ. މިހާ އަވަސް ފިޔަވަޅުތަކެއް ނަގާ އެހީތެރިކަން ދޭތީ، ދިވެއްސަކަށްވީތީ ފަޚުރުވެރިވަން. މިފަދަ ޤައުމީ ކަންކަމުގައި ޕީއެންސީ ބަދަހިކޮށް އެކުވެރިކަމާއެކު އެ ކުރަން ޖެހުނު ކަމެއް ކުރުމަށް. ރައީސްގެ ސިޔާސަތުތައް ނަގަހައްޓަން ފުރިހަމައަށް އެއްބާރުލުން ދިނުމުގައި.“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާޙިމް ފަލާޙު ވިދާޅުވީ، މި އެހީއަކީ ދާއިރާތަކުގެ ރައްޔިތުންނާއި ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ޕީޖީ ގްރޫޕުން ދޭ އެހީއެއް ކަމަށެވެ. އަދި މިގޮތަށް ގޮވާލާ ކޮންމެ ގޮވާލުމެއްގައި، އެންމެ ކުރީސަފުހައި ނިކުމެ ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ.
”މި އެހީ އަޅުގަނޑުމެން ޙަވާލުކުރުން މި ރަމްޒުކޮށްދެނީ، ކޮންމެ މެންބަރެއްގެ ދާއިރާގެ ރައްޔިތުން، ޖުމްލަކޮށް މުޅި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން. އުއްމީދުކުރަނީ، ލަންކާ މި ޙާލަތުން އަރައިގަނެ، ޤައުމު އާރާސްތުވުން.“ ފަލާޙު ވިދާޅުވިއެވެ.



