ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ކީރިތި ޤުރުއާނަށް ޚިދުމަތްކުރުމާއި، ޤުރުއާނުގެ ޢިލްމު ފެތުރުމަކީ ވަރަށްވެސް މަތިވެރިކަމެއް: ޝަހީމް

ކީރިތި ޤުރުއާނަށް ޚިދުމަތްކުރުމާއި، ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަކީ ވަރަށްވެސް މަތިވެރިކަމެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ހއ. އިހަވަންދޫ ކައުންސިލުން އަތޮޅަށް ހުޅުވާލައިގެން ބޭއްވި ރަސްތަރި ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ، ކީރިތި ޤުރުއާނުގެ ނޫރު، ރަށާއި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި ދިއްލާލުމަށް އިހަވަންދޫއިން ކުރަމުންދާ މަސައްކަތަކީ ޝުކުރާއި ތަޢުރީފް ހައްޤު މަސައްކަތްތަކެއްކަމަށާއި، އިހަވަންދޫގެ ރައްޔިތުންގެ މެދުގައި އިސްލާމްދީނަށް އޮންނަ ލޯބި ފެނިފައިވާކަމަށާއި އިހަވަންދޫއަކީ އެރަށަކާއި މެދު ވަރަށް ބޮޑު ލޯތްބަކާއި އިޙްތިރާމެއް އުފެދިފައިވާ ރަށެއްކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ހއ. އިހަވަންދޫގެ ފުރަތަމަ ޙާފިޡާއަށް ރަށު ކައުންސިލާއި ރައްޔިތުން ކީ މަރުޙަބާއާއި ދެއްވި ޝަރަފް ފާހަގަކުރައްވާ އެކަމަށްޓަކައި ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެކަމުންވެސް ހާމަވެގެންދަނީ ރަށުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނާއިމެދު އޮތް އިޙްތިރާމްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ހއ. އަތޮޅުގެ ދެ ރަށަކަށް ކުރި ދަތުރުން ރީތިކޮށް ޤުރުއާން ކިޔަވާ އެތަކެއް ކުދިންނަކާއި އެތައް ޒުވާން ޚަޠީބުންނެއް ފެނިގެން ގޮސްފައިވާކަމަށާއި، ދިވެހިރާއްޖޭގެ އިސްލާމީ މުސްތަޤުބަލުގެ އުޖާލާކަން މި ދަތުރުން ހާމަވެގެންދިޔަކަމަށެވެ. އަދި މިއަދު އިސްލާމީ ދާއިރާއިން ދެކެމުންދާ ކުރިއެރުންތަކުގެ އެންމެ ބޮޑު ހިއްސާދާރަކީ އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ޤިޔާދަތުގައި ކީރިތި ޤުރުއާނަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަވާކަމަށާއި، މުޅި ރާއްޖޭގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ދާދި އަވަހަށް ހއ. އިހަވަންދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވިގެންދާނެކަން ވަޒީރު ވަނީ އިޢުލާން ކުރައްވާފައެވެ. އަދި އިހަވަންދޫގެ ރައްޔިތުން އިސްލާމީ ދާއިރާއިން އެންމެ އުއްމީދު ކުރައްވާ އިހަވަންދޫ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މަސައްކަތް ކުންފުޏަކާއި ހަވާލު ކުރުމަށް ތައްޔާރުވަމުންދާކަން ވަޒީރު ވަނީ މިރޭ ހާމަކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ރަސްތަރި ޤުރުއާން މުބާރާތުގެ ފެންވަރާއި، މަސައްކަތަށް ތަޢުރީފް ކުރައްވާ އިހަވަންދޫ ކައުންސިލަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މުބާރާތުން ރަން ވަނަތައް ޚާސިލްކުރި ދަރިވަރުންނަށް ވަޒީރު ވަނީ ތަޙުނިޔާ ދަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް