އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ %70 މަސައްކަތް ނިންމާލައިފި

ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމަށް ހަދަމުންދާ ކޯޒުވޭގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށް، މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި ދެ ރަށް ގުޅާލުމުގެ މަސައްކަތަކީ، ކޮމަންޑޫގެ ރައްޔިތުންނަށް ބިމުގެ ޖާގަ އިތުރުކޮށް، ރަށުގެ ތަރައްޤީއަށް ބޭނުންވާ ބިން ހޯދައިދިނުމަށް ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގު ކޯޒުވޭއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެމްޓީސީސީން ވިދާޅުވީ، ކޯޒުވޭގެ ކޮންކްރީޓް މަސައްކަތްތަކުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި، މުޅި މަސައްކަތުގެ %70 ނިމިފައިވާ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްދަނީ ރާވާފައިވާ ތާވަލާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމަންޑޫއަކީ އެންމެ 9 ހެކްޓަރުގެ ކުޑަ ރަށެކެވެ. ރަށުގެ ރެޖިސްޓަރޑް އާބާދީ 1900 އިން މަތީގައި ހުރި ނަމަވެސް، ބިމުގެ ޖާގައިގެ ދަތިކަމާ ހެދި މިހާރު ރަށުގައި ދިރިއުޅެނީ 600 އެއްހާ މީހުންނެވެ. ރަށުގެ ގިނަ ރައްޔިތުން އެހެން ރަށްރަށަށް ހިޖުރަކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީވެސް ބިމުގެ ޖާގައިގެ ދަތިކަމެވެ. މި ދަތިކަން ޙައްލުކުރުމަށްޓަކައި، ރަށުގެ ތަރައްޤީއަށް އިތުރު ބިން ހޯދުމަކީ ކޮމަންޑޫ ރައްޔިތުންގެ އެންމެ ބޮޑު އެދުމެކެވެ.

މި ބޭނުމަށްޓަކައި، ކޮމަންޑޫއާ އިންވެގެން އޮންނަ މަތި ކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް 2023 ވަނަ އަހަރު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ ދަށުން ދެ ރަށް ގުޅާލުމަށް 200 މީޓަރުގެ ކޯޒުވޭއެއް ހެދުމުގެ އިތުރުން، ހިއްކި ސަރަޙައްދު ޙިމާޔަތް ކުރުމާއި ގުޅޭ ބައެއް މަސައްކަތްތައްވެސް ހިމެނެއެވެ. މި މަސައްކަތްތައް ނިމުމުން ކޮމަންޑޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް