ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 69 މީހުން މަރުވެއްޖެއެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނީ ތޫފާނުގެ ސަބަބުން 69 މީހުން މަރުވުމުގެ އިތުރުން 34 މީހަކު ވަނީ ގެއްލިފަ އެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން 3،000 ގެއެއް ހަލާކުވެފައިވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު، ލަންކާގެ އާންމު ދަތުރުފަތުރުގެ ނިޒާމުތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 15 ފްލައިޓެއް ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖައްސައި މަތާލާ ރާޖަޕަކްސަ ވައިގެ ބަނދަރަށާއި އިންޑިޔާގެ ކޮޗިންއާއި ޓްރިވެންޑްރަމްގެ ވައިގެ ބަނދަރުތަކަށް ވަނީ ޖައްސައިފަ އެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ލަންކާއަށް ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު އިދާރާތަކުން ވަނީ ދީފަ އެވެ.
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އަވަށްޓެރި އިންޑިއާ އިން އަންނަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.



