ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް، މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލުގައި މިރޭ 8:30 ގައި ކަމަށެވެ.
”ވީމާ މައްޗަންގޮޅީގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަމެވެ“ ހީނާ ވިދާޅުވި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާނެކަން އިއުލާންކުރައްވައިފަ އެވެ.
އެގޮތުގެ މަތީން ރައީސް އާދީއްތަ ދުވަގެރޭ ވަނީ ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.



