ދޮންބަންޑާރައިންގެ ކުލުނު އަބަދު ވެސް ރާއްޖޭގައި ދިރިދިރި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދޮންބަންޑާރައިން ގައުމަޓަށްޓަކައިވެވަޑައިގަތް ގުރުބާނީއަށްޓަކައި ފާހަގަކުރާ މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސް އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ދިރިދިރި އޮތް ކަމަށެވެ.
ރައީސް ވިދާޅުވީ މާލޭގެ އެތައް ތަނެއްގައި ހުޅު ޖަހައި، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެށްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީ ކަމަށެވެ.
”އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި.“ އެ މަނިކުފާނު ވިދާޅުވި އެވެ.



