އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ނިއުކާސަލް އަތުން ސިޓީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނިއުކާސަލްގެ ހާވީ ބާންސްއަށެވެ. ނަމަވެސް ގޯލު ކުރިމަތީ ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ނިއުކާސަލުންނެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ ބާންސް އެވެ. އޭގެ ހަތަރު މިނެޓް ފަހުން ރުބެން ޑިއާސް ސިޓީއަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް އޭގެ ދެ މިނެޓް ފަހުން ނިއުކާސަލަށް އަލުން ލީޑު ނަގައިދިނީ ވެސް ބާންސް އެވެ.

ސިޓީން ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ. މިއީ ލީގުގައި ސިޓީ ބަލިވި ހަތަރުވަނަ މެޗެވެ.

ރޭގެ މެޗުން މޮޅުވެގެން ލީގުގެ ދެވަނަ އަށް ޖެހިލުމުގެ ފުރުސަތު ސިޓީއަށް އޮތްއިރު، މެޗުން ބަލިވުމުން ސިޓީ އޮތީ 12 މެޗުން ލިބުނު 22 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ. ދެވަނައިގައި 12 މެޗުން 23 ޕޮއިންޓު ހޯދައިގެން ޗެލްސީ އޮތްއިރު، މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ 26 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. އާސެނަލުން މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ނިކުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް