ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ސުލޫކީ މައްސަލަތައް ބަލާއިރު ވަކި ކޯޓެއްގެ ފަނޑިޔާރަކަށްވީތީ ތަފާތެއް ނުކުރަން: ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަތައް ބަލާއިރު ވަކި ކޯޓެއްގެ ފަނޑިޔާރަކަށްވީތީ ތަފާތު ގޮތަކަށް އަމަލު ނުކުރާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ވަނީ ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ބަލަން ފަށައިފައެވެ. އެއީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ސްލޫކީ މައްސަލައެކެވެ.

ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ ސްލޫކީ މައްސަލަތަކެއް އެއް ފަހަރާ ޖޭއެސްސީން ބަލަމުންދާތީ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯޓުތަކަކީ ރައްޔިތުން އިތުބާރު ކުރާ އަދި އަދުލު އިންސާފު ފުރިހަމައަށް ފޯރުކޮށްދޭ ތަނަކަށް ހެދުމަކީ އެ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުންނަކީ އަދުލުވެރިކަމާއެކު ޝަރީއަތްތައް އަވަހަށް ހިންގާ ބަޔަކަށްވާން ޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ އެ މަގުސަދު ހާސިލުކުރުމުގެ ގޮތުން ފަނޑިޔާރުންގެ ފެންވަރު ބަލައި، ތަމްރީނުތައް ދިނުމުގެ އިތުރުން ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅައި، ފަނޑިޔާރުންގެ މަސައްކަތާ ގުޅޭ އިދާރީ އިންތިޒާމްތަކާއި ކަންކަން ހަމަޖެހިފައިވޭތޯ ކޮންމެ ދުވަހަކު ޖޭއެސްސީން ބަލަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

”ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ސަމާލުކަންދެނީ ވަކިކޯޓެއްގެ ފަނޑިޔާރަކަށްވީތީ، ވަކިގޮތަކަށް އަމަލުކުރުމަކަށް ނޫނެވެ. އެއީ ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށް ވީނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ގަނޫނުއަސާސީ އާއި ޣަނޫނުތަކުގެ އަލީގައި މަޢޫލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ކޮމިޝަނުން ނިންމާފައެއް ނުވާނެއެވެ“ ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 176 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އޭގެ ތެރެއިން ތަހުގީގު ކުރުމަށް ނިންމާފައިވަނީ 57 ޝަކުވާއެއް ކަމަށާއި ސުލޫކީ މައްސަލަ ބެލުމަށްފަހު، ސާބިތުވެ، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހަ ފަނޑިޔާރަކަށްކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެއީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 3.4 ޕަސަންޓު ކަމަށާއި އެއީ ކޮމިޝަނަށް ހުށަހަޅާ ޝަކުވާގެ ނިސްބަތުން ބަލާނަމަ މަދު އަދަދެއްކަމަށް އެ ކޮމިޝަނުން ބުންޏެވެ.

”ކޮމިޝަނުން ސަމާލުކަން ދެނީ ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށެވެ. ވަކި ފަނޑިޔާރަކަށް، ވަކި ކޯޓަކަށް ނިސްބަތްވުމުން ތަހުގީގުކުރުމަކަށް ނޫނެވެ. އެހެންކަމުން ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މައުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް މިކޮމިޝަނުން ނުދެކެމެވެ“ ޖޭއެސްސީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް