ބުރާސްފަތި, ޑިސެމްބަރ 11, 2025
spot_img
- Advertisement -spot_img

މިފްސާގެ ސީއީއޯއަކަށް މެލޭޝިއާގެ މާލީ ތަޖުރިބާކާރެއް

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމަށް، މާލީ ދާއިރާގައި 30 އަހަރަށްވުރެ ދިގު ތަޖުރިބާ ލިބިފައިވާ މެލޭޝިއާގެ މާލީ ތަޖުރިބާކާރެއް ކަމަށްވާ ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީ ހަމަޖައްސައިފިއެވެ.

މިފްސާއިން ހާމަކުރެއްވި ގޮތުގައި، އޭނާއަކީ އޮފްޝޯ މާލީ ޚިދުމަތްތަކުގެ ދާއިރާއިންނާއި މާލީ ޚިދުމަތް ބަލަހައްޓާ އިދާރާތަކުގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީއަކީ މެލޭޝިއާގެ މާލީ އިދާރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާގެ މާލީ ދާއިރާގެ ކެރިއަރު ފެށިފައިވަނީ 1990 ވަނަ އަހަރު ބޭންކް ނެގާރާ މެލޭޝިއާއިންނެވެ. އޭގެފަހުން 1996 ވަނަ އަހަރު އުފެއްދި ލަބުއާން ފައިނޭންޝަލް ސަރވިސް އޮތޯރިޓީ (އެލްއެފްއެސްއޭ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އިރު، އެ އިދާރާގެ އިސް މަޤާމުތަކެއް ވެސް ވަނީ ފުރުއްވާފައެވެ. އަދި ޖެނުއަރީ 2020 އިން ފެށިގެން ޖެނުއަރީ 2025 ގެ ނިޔަލަށް، ލަބުއާން އައިބީއެފްސީގެ އެގްޒެކެޓިވް ޗެއާމަންގެ މަޤާމު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

މިފްސާއަކީ، ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްޤީކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއެކެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ޤާއިމު ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު ސޮއިކުރީ މި އަހަރުގެ މޭ މަހުގެ ފަސްވަނަ ދުވަހުއެވެ.

މިފްސާގެ ޒިންމާއަކީ އެމްއައިއެފްސީ ތަރައްގީކޮށް، ކުރިއަރުވައި، އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިފްސާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހަރުދަނާ ގަވާއިދުތަކާއި އޮނިގަނޑެއް ޤާއިމުކުރުމާއި، ބައިނަލްއަގްވާމީ މިންގަނޑުތަކަށް އަމަލުކުރޭތޯ ކަށަވަރު ކުރުން ހިމެނެއެވެ. އަދި އެމްއައިއެފްސީއަކީ ބައިނަލްއަގްވާމީ މާލީ ދާއިރާގައި އިތުބާރު ހުރި، ވާދަވެރި މަންޒިލެއްގެ ގޮތުގައި ކުރިއަރައިގެން ދިޔުމަށް މަގުފަހިކޮށްދިނުން ވެސް މިފްސާގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީގެ ތަޖުރިބާއާއެކު، މިފަދަ ބޮޑު މަޝްރޫޢެއް ކުރިއެރުވުމަށް ބޭނުންވާ މާލީ ހަރުދަނާކަން ޤާއިމުކުރުމަށް އެހީތެރިވެގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް