ޒަމާނީ ދަނޑުވެރިކަމަކީ އިޚްތިޔާރީކަމެއް ނޫން، އެއީ ޤައުމުގެ ފެންވަރުގައި އިސްކަންދޭޖެހޭ ދާއިރާއެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކ. ކާށިދޫގައި ކުރިޔަށް ގެންދިޔަ ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖެ މިވަނީ ބިމުގެ ދަތިކަމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ނާޒުކުކަމާއި، އަދި އިތުރުވަމުންދާ އާބާދީގެ ބޭނުންތައް ފުއްދުމަށް ދިމާވާ ގޮންޖެހުންތަކާއެކު ކުރިމަތިލާންޖެހިފައިކަމަށާއި، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޒަމާނީ ހަރުދަނާ އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ހަލުވި ކަމާއިއެކު، ތަޢާރަފުކޮށް ބޭނުންކުރުން ވަރަށް މުހިންމުކަމެއްކަމަށެވެ.
ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި މުހާތަބުކޮށް، ވަޒީރުވިދާޅުވީ މިއީ ހަމައެކަނި ހުނަރުތައް އިތުރުކުރުމަށް ރާވާފައިވާކަމެއް ނޫންކަމަށެވެ. މިއީ ދަނޑުވެރިންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކުރާނެ ފަރާތްތަކެއްގެ ގޮތުގައި އީޖާދީ ޚިޔާލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއެކު ތައްޔާރުކުރުމަށް ރޭވިފައިވާ ސްޓްރެޓީޖިކް މަސައްކަތެއްކަމަށެވެ. އެހެންކަމުން މި ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަޒީރު ވަނީ މަރުހަބާ ކިޔާ، ޝުކުރު އަދާކޮށްފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ މައުލޫމާތާއި ފަންނީ ޤާބިލުކަން އިތުރުކޮށްދެއްވުމުގެ މަޤްޞަދުގައި އެ ބޭފުޅުންގެ އަގުހުރި ޢިލްމާއި ފަންނީ ތަޖުރިބާ ހިއްސާކޮށްދެއްވި މުދައްރިބުންނާއި ޗައިނާގެ ކަޓާސްގެ ޤާބިލު ތަޖުރިބާކާރުންނަށް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ.
ވަޒިރު ވިދާޅުވީ މި ޕްރޮގްރާމްގެ ބައިވެރިންވަނީ ޒަމާނީ ދަނޑުވެރިކަން ކުރައްވާނެ ގޮތްތަކާމެދު މަޢުލޫމާތު ހޯއްދަވާފަކަމަށެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ކަންކަމަށް ބައްލަވައި ގްރީންހައުސް ސިސްޓަމްތަކާއި ޒަމާނީ އާލާތްތައް ބޭނުންކުރާނެގޮތުގެ އިލްމު ލިބިވަޑައިގެންފައެވެ.
ވަޒީރު ޑރ. މަރްޔަމް މާރިޔާ އިތުރަށް ވިދާޅުވީ ތަމްރީންގެ ބައިވެރިން، ލިބިފައިވާ ތަޖުރިބާއާއި ޢިލްމުގެ އަލީގައި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވުންކަމަށެވެ. މިއަދު މި ނިމިގެންދާ ޕްރޮގްރާމަކީ ނިމުމެއް ކަމުގައި ދެކެވައިޑައި ނުގަންނަވާކަމަށާއި، މިއީ ފެށުމެއް ކަމުގައެވެ.
މި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ހިޒް އެކްސެލަންސީ ކޮންގ ޝިއާންހޫ ، ހައިނާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް ކޮމިޓީގެ ނައިބު ރައީސް ހިޒް އެކްސެލަންސީ ޔާން ޝީޖުން، ހައިނާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް ގެ ޑެލިގޭޝަން ކެޓާސް ޑެލިގޭޝަނު މެންބަރުން، އަދި ކާށިދޫ ކައުންސިލުގެ ރައީސް އަދި ކައުންސިލުގެ މެންބަރުންގެ އިތުރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިނެވިއެވެ.



