މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި އުފެދިފައިވާ ގޭންގުތަކުގައި ޒުވާން ކުދިން ވަނީ އެކަން ހުއްޓާލައި އިސްލާހުވެ، އަމިއްލަ ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް ގޮސްފައި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގް ކުށްތަކުގެ އާ ގާނޫނަށް މިދިޔަ އޮގަސްޓް މަހު އަމަލު ކުރަން ވަނީ ފަށާފައެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ބާއްވާ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އާ ގާނޫނުގެ ދަށުން ކިތައް ގޭންގް ކަނޑައެޅިއްޖެތޯ ހޯމް މިނިސްޓަރު އަލީ އިހުސާން ގާތުން އޮޅުންފިލުއްވި އިރު، ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
”މިހާރު ގޭންގްތަކުގައި ކުރިން އުޅުނު ހުރިހާ ފަރާތްތަކުން އެކަން ހުއްޓާލައިފި. ގޭންގް ކުށް ހުއްޓާލައި މިހާރު އެ ބޭފުޅުން، އެ ކުދިން ޒުވާނުން މިހާރު ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ނޯމަލް ލައިފަކަށް ގޮސްފި،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގޭންގް ކުށްތައް ކަމަށް ކިޔާ ކުށްތަކުގައި އުޅޭ މީހުން ވަރަށް މަދުވެއްޖެ ކަމަށާއި އެހެންވެ، ގޭންގް ކަމުގައި ކަނޑައަޅާނެ ފަރާތްތައް ނުފެނިގެން އުޅޭ ކަމަށް ހޯމް މިނިސްޓްރީން އެމަނިކުފާނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
”އެއީ ވަރަށް ބޮޑު ކުރިއެރުމެއް. ގޭންގްތައް މިތަނުން ނެތިގެން ދިޔުމަކީ. އަޅުގަނޑުމެން [ގޭންގްތަކަށް] މި އަޅަނީ ވަރަށް ބޮޑު ހުރަސްތަކެއް،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ބޮޑެތި އަދަބުތައް ހިމަނައިގެން ގާނޫނުތައް ފާސްކުރަނީ ބަޔަކަށް އަދަބު ދޭން ނޫން ކަމަށާއި ޒުވާނުން އެކަންކަމުން ދުރުކުރަން ކަމަށެވެ. އޭގެ ނަތީޖާ ގޭންގްގެ ގާނޫނާ އެކު ވެސް ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



