ރާއްޖެ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިގޮތުން، ޑްރަގް ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މި މަސައްކަތުގެ ދަށުން، ޑްރަގްގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ޚާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް އެމަނިކުފާނު ވަނީ ފުލުހުންނަށް އަންގަވާފައެވެ.
މި އޮޕަރޭޝަނަކީ އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށް ރައީސްގެ ވިދާޅުވެފައިވެއެވެ.



