ރާއްޖޭގެ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ފަރުމަސް ބޭނުމުގެ މުބާރާތެއް ބާއްވަން ނިންމައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާ އިން ކުރި އިއުލާނުގައި ވަނީ އެ މުބާރާތް އޮންނާނީ ޑިސެމްބަރު 12 ވާ ހުކުރު ދުވަހުގެ 15:00 އިން ފެށިގެން 21:00 އަށް ދުވާފަރުގައި ކަމަށެވެ.
އެ މުބާރާތަކީ ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.
އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނީ ދުވާފަރު ބަނދަރު ސަރަހައްދުގައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާ އިން ބުނީ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ 20 ޓީމަށް އެކަނި ކަމަށެވެ. ކޮންމެ ޓީމަކަށް ވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިންކަމުގެ ލިޔުމެއް ދޭނެ ކަމަށް އެ ވުޒާރާ އިން ބުންޏެވެ.
ކޮންމެ ޓީމެއްގައި ދެ ޖިންސްގެ ބައިވެރިން ވެސް ބޭނުންނަމަ ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ. ކޮންމެ ޓީމެއްގެ މެންބަރުންގެ އަދަދު މެނޭޖަރު ހިމެނޭހެން 13 މެންބަރުންނަށް ވުރެ ގިނަ ވެގެންނުވާނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
މަހަށް ދިޔުމަށް ފުރާ ދޯންޏަކީ ޓްރާންސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަދި ގާނޫނީގޮތުން ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާ ދޯންޏަކަށް ވެސް ވާންޖެހެއެވެ.
އެ މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް 15،000 ރުފިޔާ ލިބެއެވެ. ދެވަނައަށް ދާ ޓީމަކަށް 10،000 ދޭއިރު، ތިން ވަނަ ޓީމަކަށް 7000 ރުފިޔާ ލިބެއެވެ. އަދި އެންމެ ބަރުމަސް ބާނާ މީހަކަށް 1500 ރުފިޔާ ލިބެއެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.



