ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 11:30 އާއި 11:40 އާ ދެމެދުގެ ވަގުތެއްގައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިކަގަސްމަގުގައި އެ އެކްސިޑެންޓް ހިނގީ ދެ ސައިކަލް ޖެހިގެންނެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ ކ. ދިއްފުށި، ލައިޓް ގާޑަން، އުމުރުން 19 އަހަރުގެ އިސްމާއީލް ރަޔާން ބިން ނާޒިމް އެވެ.
އޭނާ މަރުވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



